25 ޖޫން 2025 - 11:02

މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ނަމުގައި ފެށި ފެރީ ހިދުމަތް މާދަމާ ރ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މާދަމާއިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އެ އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ.
އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ.
ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ.
އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.