25 ޖޫން 2025 - 09:08

އިޒްރޭލު ސިފައިންގެ ބަޔަކު ފަލަސްތީނުގެ ޣައްޒާގައި ދަތުރުކުރި ވެހިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ސިފައިންގެ ހަ މީހަކު މަރާލައި އަދި އެހެން ހަމަލާއެއްގައި ވެސް ސިފައިންގެ މީހަކު މަރާލައިފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިކަން ކަށަވަރުކޮށްދެމުން އެ މީހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިއްޔެ ޚާން ޔޫނިސްގައި ސިފައިން ދަތުރުކުރަމުން ދިޔަ ވެހިކަލެއްގައި ފަލަސްތީނުގެ ހަނގުރާމަވެރިންގެ މީހަކު ބޮމެއް ހަރުކޮށް ގޮއްވާލައިގެން ކަމަށް މިހާތަނަށް ވަނީ ބެލެވިފަ އެވެ.
ބޮން ހަރުކޮށްފައިވަނީ ސިފައިން އެ ވެހިކަލްގައި ތިއްބާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބޮން ގޮވުމާ އެކު ވެހިކަލްގައި ރޯވި ކަމަށާއި އެ އަލިފާން ނިއްވާލަން ކުރި މަސައްކަތް ނާކާމިޔާބުވެ އޭގައި ތިބި ސިފައިންގެ ހަ މީހުން ވެސް މަރުވީ ކަމަށް އަސްކަރިއްޔާގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ޣައްޒާގައި ހަނގުރާމަވެރިންނާ ދެމެދު ހިނގި އެހެން ކުރިމަތިލުމެއްގައި ވެސް އިޒްރޭލު ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ. ވެހިކަލް ގޮއްވާލައިގެން މަރުވި ސިފައިންގެ ނަންތައް ހާމަކޮށްފައި ވާއިރު އަސްކަރިއްޔާއިން ބުނީ ހަތް ވަނަ މީހާގެ ނަން އާންމުކޮށްފައި ނުވަނީ ސިފައިންގެ މީހާގެ އާއިލާއިން ހުއްދަ ނުދިނުމުން ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވެހިކަލަށް ދިން ހަމަލާ އާއި އެ ހަމަލާއަށް ފަހު އެހީވާން ދިޔަ މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ އަށް މީހަކު ވަނީ މަރާލައިފަ އެވެ. އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ މި ހަމަލާ ދިން މަންޒަރުތައް އާންމުކޮށްފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސިފައިންގެ ބަޔަކު ހިނގާފައި ދަނިކޮށް ބަޑިން ހަމަލާ ދިނުމުން އެތަނުން އެކަކު ވެއްޓެ އެވެ. އަދި އެ މީހާ އިމާރާތެއްގެ ތެރެއަށް ވައްދާތީ ފެނެ އެވެ. އަދި އިމާރާތުގެ ތެރޭގައި ސިފައިން ތިއްބާ އެތަނަށް ވެސް ހަމަލާދެ އެވެ. ހަމަ މި ވީޑިއޯގައި އިޒްރޭލު ސިފައިންގެ އިންޖިނިއަރުން ތިބި ވެހިކަލެއްގައި ގޮވާ އެއްޗެއް ހަރުކުރާ ތަނާއި އެ ގޮވުމާ އެކު ރޯވާ މަންޒަރު ވެސް ފެނެ އެވެ.
ޣައްޒާގައި އިޒްރޭލު ސިފައިންގެ ބަޔަކު އިއްޔެ މަރާލި އިރު ޣައްޒާގެ އާންމުންނަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 50 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެހީ ހޯދުމަށް އެހީގެ މަރުކަޒުތަކުގެ ކައިރިއަށް ޖަމާވެފައި ތިއްބާ ޝަހީދުކޮށްލި މީހުންނެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށް ފަހު މިހާތަނަށް އިޒްރޭލު ސިފައިންގެ 430 މީހަކު މަރާލާފައިވެ އެވެ.