ހަނގުރާމައިގެ ކާމިޔާބީ އިޒްރޭލާއި އީރާނުން ވެސް ފާހަގަކުރަނީ
ހަނގުރާމައިގެ ކާމިޔާބީ އިޒްރޭލާއި އީރާނުން ވެސް ފާހަގަކުރަނީ

އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރި ވަރުގަދަ ހަމަލާތައް 12 ދުވަހަށް ފަހު އިއްޔެ ހުއްޓާލާފައި ވާއިރު ދެ ފަރާތުން ވެސް ހަނގުރާމައިގެ ކާމިޔާބީ އިއުލާނުކޮށްފި އެވެ.

ހަނގުރާމައިގެ ކާމިޔާބީ އިޒްރޭލާއި އީރާނުން ވެސް ފާހަގަކުރަނީ
ހަނގުރާމައިގެ ކާމިޔާބީ އިޒްރޭލާއި އީރާނުން ވެސް ފާހަގަކުރަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމާގައި ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްވި ކަމަށާއި މިއީ ތާރީހީ ބޮޑު ކާމިޔާބީއެއް ކަމަށް ބުނެ ގައުމާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ.

ހަނގުރާމައިގެ ކާމިޔާބީ އިޒްރޭލާއި އީރާނުން ވެސް ފާހަގަކުރަނީ
ހަނގުރާމައިގެ ކާމިޔާބީ އިޒްރޭލާއި އީރާނުން ވެސް ފާހަގަކުރަނީ

މި ހިތާބުގައި އޭނާ ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދިޔަ ނުދޭނެ ކަމަށާއި އެކަމަށް އީރާނުން ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބުކޮށްލާނެ ކަމަށް ބުނެފަ އެވެ.

"އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ،" ނަތަންޔާހޫ ބުންޏެވެ.

"އަަހަރެމެން އީރާންގެ ނިއުކްލިއާ މަޝްރޫއު ނާކާމިޔާބުކޮށްލައިފިން. އީރާންގެ އެއްވެސް މީހަކު އެ މަޝްރޫއު އަލުން ކުރިއަށް ގެންދާ ނަމަ ހަމަ މިފަހަރު ކަންތައް ކުރި ގޮތަށް، ހަމަ އެ ބާރުވެރިކަމުގައި އަނެއްކާވެސް ކަންތައް ކުރާނަން."

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާއި އަސްކަރީ އިސް ވެރިންނަށް ދިން ހަމަލާތަކުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އެތައް އަހަރެއް ފަހަތަށް ޖައްސާލެވިފައިވާ ކަމަށް ބުނެފަ އެވެ.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ވަނީ 12 ދުވަހުގެ ހަނގުރާމަ ނިމުނީކަން އިއުލާނުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.

"މި ގައުމުގެ ގަދަ ހިތްވަރުން މި ވަނީ ދުޝްމަނުންގެ ކުރިމަތީގައި ތާރީހު ލިޔެފައި. އިޒްރޭލުގެ އުދުވާނުގެ ކުރިމަތީގައި ދެއްކި ހިތްވަރަށް ފަހު މި ވަނީ ހަމަލާތައް 12 ދުވަހަށް ފަހު ހުއްޓުމަކަށް ގެނެވިފައި،" ރައީސް ވިދާޅުވި އެވެ.

އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހުން ބުނީ އިޒްރޭލުގެ އަމަލުތައް ހުއްޓުމަކަށް ގެންނަން އީރާންގެ ސަލާމަތީ ބާރުތަކުން އިޒްރޭލަށް މަޖުބޫރުކުރުވީ ކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކަނޑައެޅި ވަގުތު ޖެހުމުގެ ކުރިން އީރާން ސިފައިން އިޒްރޭލަށް ފޮނުވާލި މިސައިލްތަކަށް ފަހު ސިފައިން ވެސް ވަނީ މިއީ "ޒަޔަނިސްޓުންނަށް ދިން ތާރީހީ އަދި ހަނދާން ނުނެތޭނެ ފިލާވަޅެއް" ކަމަށް ބުނެފަ އެވެ.

މި ހަމަލާތަކުގައި އިޒްރޭލުން ހަތަރު މީހަކު މަރުވި އިރު އިޒްރޭލުން އީރާނަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި ވެސް ނިއުކްލިއާ ސައިންސްވެރިއެއް ކަމަށްވާ މުހައްމަދު ރިޒާ ސިއްދީގީ ސަބްރު ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ބޭފުޅެކެވެ.

އީރާންގެ ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށާއި އިސް ބޭފުޅުންނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ވަނީ ބުނެފަ އެވެ. އިޒްރޭލަށް އީރާނުން ދިން ހަމަލާތަކުގައި ވެސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު ތިރީހަކަށް މީހުން މަރުވި ކަމަށް ބެލެވެ އެވެ.

ހަމަލާތައް ހުއްޓާލުމާ އެކު އީރާނުން ވަނީ ނިއުކްލިއާ މަސައްކަތް އަލުން ފަށާނެ ކަމަށާއި އެ ހައްގު ދޫކޮށްނުލާނެ ކަމަށް ބުނާ ވާހަކަ ތަކުރާރުކޮށްފަ އެވެ. އީރާނުން އަބަދުވެސް ބުނަމުން އަންނަ ގޮތަށް މިފަހަރު ވެސް ބުނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށާއި މިއީ މަދަނީ ބޭނުންތަކަށް ހިންގާ މަޝްރޫއެއް ކަމަށް ބުނެފަ އެވެ.