24 ޖޫން 2025 - 23:38

އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ފަޅީގައި ކުރިން އޮތް ގްރީން ސްޓްރީޓްސްއިން އިންތިހާބުގައި ވާދަކުރާ އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކޮށްފި އެވެ.
މިދިޔަ އަހަރު ކުރީކޮޅު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި ދެ އިންތިހާބުގައި ވެސް ގްރީން ސްޓްރީޓްސްއިން ތާއީދު ކުރީ ބައްސާމްގެ "ކޯލިޝަނަށެވެ."
މިދިޔަ އަހަރު ޖެނުއަރީ މަހު އެފްއޭއެމުން ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ބައްސާމް ކުރިމަތިނުލައްވައި އޭނާގެ ޓީމުން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުނީ ކްލަބް އީގަލްސްގެ ނައިބު ރައީސް މުފާވިޒު ހާޝިމް (މުފާ) އެވެ.
އެ ފަހަރު މުފާ، އިންތިހާބަށް ކުރިމަތިލީ ގްރީންގެ ތާއީދާ އެކު އެވެ. އެ ފަހަރުގެ އިންތިހާބަށް ތޯރިގް ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުމުން އުފެދުނު މައްސަލަތަކާ އެކު އެފަހަރުގެ އިންތިހާބު ފީފާއިން ހުއްޓިވި އެވެ.
މިދިޔަ އަހަރު މާޗް މަހު އަލުން އިންތިހާބަށް ހުޅުވާލުމުން، ތޯރިގާ ވާދަކުރައްވަން ދެން ކުރިމަތިލީ ބައްސާމެވެ. އެފަހަރު ވެސް ގްރީންއިން ތާއީދު ކުރީ ބައްސާމަށެވެ. އެ ކްލަބްގެ ރައީސް މުއާވިޔަތު ހަލީލަކީ ބައްސާމްގެ ފަހު ދައުރުގެ އެކްސްކޯ މެންބަރެކެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރާ ކޮންގްރެސް ކުރިމަތީގައި އޮތްވައި މުއާވިޔަތުގެ ކްލަބުން ވަނީ ތޯރިގަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.
ގްރީންއިން ނެރުނު ބަޔާނުގައި ބުނީ ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސް އާއި އެއަށް ފަހު ބާއްވާ އިންތިހާބުގައި ވެސް ތޯރިގްގެ ޓީމަށް ތާއީދު ކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ.
އެ ކްލަބުން ބުނީ ރާއްޖޭގެ ފުޓްބޯޅައަށްޓަކައި މި ވަގަތު އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.