24 ޖޫން 2025 - 21:51

ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
ދައުވާކުރީ ފުލުހުންނާއި ސިފައިން ގުޅިގެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ ރޯދަ މަހު ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހަކަށް ކަމަށް ބެލެވެ އެވެ. އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި ކަމަށް ބުންޏަސް އޭރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ޓެރަރިޒަމްގެ އެ މައްސަލައިގައި ތިން މީހަކާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށެވެ.
ދައުވާ ކުރުމާ މެދު، އަންނަ މަހުގެ ހަތް ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައެއް. އޭގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ." އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ ކުރީގެ އިމާރާތުގައި އަލިފާން ރޯވި ހާދިސާ އަދި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން ފުލުހުން ތައްޔާރުވި އެވެ. އެކަމަކު ފަހު ވަގުތު ކެންސަލްކުރީ އެވެ.
ބެލެވޭ ގޮތުގައި ޓެރަރިޒަމްއާ ގުޅޭގޮތުން ފުލުހުން އާއްމުކުރަން އުޅުނީ މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަނާ ގުޅޭ މައުލޫމާތެވެ.