24 ޖޫން 2025 - 19:02

އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ހައިހޫނު ކަމުގައި ތިބި ޣައްޒާގެ އާންމުންގެ ދޭ އެހީގެ ސާމާނު ބަހާ ތަނަކަށް ގޮސް ތިއްބާ މިއަދުވެސް އެކި ވަގުތުތަކުގައި އިޒްރޭލުން ހަމަލާދީފައިވާ ކަމަށާއި ޝަހީދުވި މީހުންގެ އަދަދު 50 އަށް އަރާ ކަމަށް ސިއްހީ އިދާރާތާކައި މަންޒަރު ދުށް މީހުން ބުނެފި އެވެ.

އަލްޖަޒީރާއިން ބުނީ މިހާތަނަށް ބެލެވިފައިވާ ގޮތުން މަދުވެގެން 50 މީހަކު ވަނީ ޝަހީދުވެފަ އެވެ. އެކަމަކު މި އަދަދު އަދި ކަށަވަރު ނުވާ ކަމަށް ބުންޏެވެ.
މިދިޔަ މަހު، އެމެރިކާ އާއި އިޒްރޭލުން ބޭނުންވާ ގޮތަށް އެހީގެ މަސައްކަތް ފެށި ޖަމިއްޔާއިން އެހީ ބެހުމުގެ އިންތިޒާމްތައް ގެންގުޅޭ ގޮތުން އާންމުންނަށް ވަނީ ބޮޑު ނުރައްކަލަށްވެފަ އެވެ. އެހީ ބަހާ ތަންތަނުގައި ހަމަނުޖެހުން އުފެދުމާއި މީހުން ތޮއްޖެހުން ފަދަ ކަންކަން ދިމާވާ ކޮންމެ ފަހަރަކު އިޒްރޭލުން ހަމަލާދީ އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލަ އެވެ.
އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ (އުންރުވާ)ގެ ވެރިޔާ ވިދާޅުވީ މިހާރު އެހީގެ މަސައްކަތަށް އިޒްރޭލުން ފުރުސަތު ދީފައިވާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އިންތިޒާމްތަކީ "މަރުގެ ދަންތުރައެއް" ކަމަށެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނި ގޮތުގައި ފަތިހުން ފެށިގެން އެހީގެ މަރުކަޒުތަކުގެ ކައިރީގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި 50 މީހަކު ޝަހީދުވެފައި ވާއިރު އިތުރު 21 މީހަކު ޣައްޒާގެ އެހެން ހިސާބުތަކުގައި ޝަހީދުކޮށްލާފައިވެ އެވެ.
ޣައްޒާގެ މެދުތެރޭގެ ވާދީ ޣައްޒާގެ ދެކުނުގައި އޮންނަ ސަލާހުއްލްދީން މަގުގައި ހަމަލާ ދިނުމުގެ ސަބަބުން 25 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް މެޑިކަލް އެޖެންސީތަކުން ބުންޏެވެ. މީގެ އިތުރު 140 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން 62 މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުން ޣައްޒާގެ ގަތުލްއާންމު ކުރިއަށް ގެންދާއިރު އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ޣައްޒާގެ ހާލަތަށް ދުނިޔޭގެ ސަމާލުކަން އޮތީ ކުޑަވެފަ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ދެ އަހަރުވާން ގާތްވެފައި ވާއިރު ހަމަލާތަކުގައި ޝަހީދުވި އަދަދު މިހާރު ވަނީ 65،000 އަށް އަރައިފަ އެވެ.