ހަމަލާތައް ހުއްޓާލިކަން އީރާނުން ރަސްމީކޮށް އިއުލާނުކޮށްފި
ހަމަލާތައް ހުއްޓާލިކަން އީރާނުން ރަސްމީކޮށް އިއުލާނުކޮށްފި

އިޒްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އީރާންގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ރުހުންދީ، ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ "ޒަޔަނިސްޓު ދުޝްމަނުންނާއި އެ މީހުންގެ އަނިޔާވެރި އެކުވެރިންނަށް" ދޭ ހަމަލާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި މިއީ ގައުމީ ނިންމުމެއް ކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުން ވެސް ރުހުން ދިންކަން ރަސްމީކޮށް އިއުލާނުކުރިތާ އިރުކޮޅެއް ފަހުން އީރާންގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ބުނީ އީރާންގެ އަސްކަރިއްޔާއިން ވަނީ ދުޝްމަނުން ލަދުގަންނަ ވަރުގެ ހަމަލާތައް ދީފައި ކަމަށެވެ. ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ރޭ ދިން ހަމަލާއިން މި ލަދުވެތިކަން ދުޝްމަނުންނަށް ބޮޑުވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އިޒްރޭލުން ދެމުން ދިޔަ ހަމަލަތާކާ އެމެރިކާ ބައިވެރިވެ އީރާނަށް ބޮން އެޅުމާ އެކު އީރާނުން ގަތަރަށް ދިން ހަމަލާއާ އެކު މަސްރަހު ވަނީ ކުއްލިއަކަށް އިތުރަށް ގޯސްވެފަ އެވެ.

އީރާނުން ބުނީ އެ ގައުމުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހަމަލާތައް ހުއްޓާލަން ދުޝްމަނުންނަށް މަޖުބޫރުވީ ކަމަށެވެ.

"ދުޝްމަނުންގެ ބަހަށް އީރާންގެ އަސްކަރިއްޔާއިން އިތުބާރު ނުކުރާ ހާލު، އަބަދުވެސް އޮންނަނީ މި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ވަރުގަދައަށް ރައްދު ދޭން ތައްޔާރަށް،" ބަޔާނުގައިވެ އެވެ.

އީރާނުން މިކަން އިއުލާނުކުރުމުގެ އިރުކޮޅެއް ކުރިން ވެސް އިޒްރޭލަށް މިސައިލުން ހަމަލާ ދިން ކަމަށް އީރާނުން ބުނެފައިވެ އެވެ. އިޒްރޭލުން ބުނީ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމަށާއި އެހެންވެ އެކަމުގެ ބަދަލު ހަރުކަށިކަމާ އެކި ހިފަން ވަރުގަދަ ހަމަލާތަކެއް ތެރެހާނަށް ދޭނެ ކަމަށެވެ.

ނަމަވެސް އީރާންގެ މީޑިއާއިން ބުނީ އީރާނުން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ދެ ފަރާތުން ވެސް އެއްބަސްވުމަށް އިހުތިރާމްކޮށް، ދާއިމީ ސުލްހަޔަކަށް މި ހިސާބުން މަސައްކަތްކުރަންވީ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުން ވެސް ވިއްސަކަށް މީހުންނަށް ވުރެ ގިނައިން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އިޒްރޭލުން ވަނީ އީރާންގެ ހަމަލާތަކުގައި ލިބޭ ގެއްލުމާއި މަރުވާ މީހުންގެ އަދަދު ފަދަ މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.