އީރާނުން އަނެއްކާ އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލައިފި
އީރާނުން އަނެއްކާ އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލައިފި

އީރާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވާފައި ވަނިކޮށް އީރާނުން އަނެއްކާވެސް އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލައިފި ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ އިޒްރޭލުގެ އުތުރަށް އަމާޒުކޮށް އީރާނުން މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށާއި އެހެންވެ އާންމުން ބަންކަރުތަކަށް ވަދެ ރައްކާތެރިކަން ހޯދަން އެދިފަ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވަނީ "އެއްބަސްވުމާ އީރާން ހިލާފުވުމުން" އެކަމުގެ ބަދަލު ހަރުކަށިކަމާ އެކު ހިފާނެ ކަމަށް ބުނެފަ އެވެ.

"ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދީފައި ވާތީ އީރާންގެ ވެރިރަށް ތެހެރާންގެ މުހިންމު ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދޭން އަންގައިފިން،" ކާޒް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ބަޔާނުގެ ކުރިން އިޒްރޭލުން ވަނީ މިސައިލްތަކުން ނުރައްކަލެއް ނެތް ކަމަށާއި އާންމުން ހިމާޔަތް ހޯދަން ވަން ބަންކަރުތަކުން ނުކުތަސް އެންމެ ރަނގަޅު ކަމަށް ބުނެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އިޒްރޭލުން މީގެ އިރުކޮޅެއް ކުރިން ބުނެފައި ވާއިރު އީރާނުން ބުނެފައިވަނީ އިސްވެ ހަމަލާ ދިނީ އިޒްރޭލުން ކަމަށާއި އެހެންވެ އީރާނަށް އިޒްރޭލުން ހަމަލާ ނުދޭ ނަމަ ރައްދުގައި އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.

އީރާނުން މިއަދު ފަސް ފަހަރެއްގެ މަތިން އިޒްރޭލަށް މިސައިލް ހަމަލާ ދީފައި ވާއިރު މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

އިޒްރޭލުން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ އެމެރިކާއިން ބައިވެރިވެ އީރާނަށް ބޮން އެޅުމާ އެކު އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެއާ އެކު ހަނގުރާމަ އިތުރަށް ފެތުރި ނުރައްކާ ވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އެހެންވެ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް ވެސް ވަނީ އިތުރުކޮށްފަ އެވެ.

ހަފުތާއެއް ވަންދެން އީރާނަށް ދިން ހަމަލާތަކުގައި އަސްކަރީ ވެރިންނާއި ނިއުކްލިއާ ސައިންސްވެރިންގެ އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު މަރުވި ޖުމްލަ އަދަދު 400 އަށް އަރަ އެވެ. އީރާންގެ ހަމަލާތަކުގައި އިޒްރޭލުން ވެސް ތިރީހަކަށް މީހުން މަރުވި ކަމަށް ބެލެވެ އެވެ.