24 ޖޫން 2025 - 11:05

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަތީ މާލޭގައި ނޫޅުއްވާތީ ކަމަށް އާއިލާ އިން ބުނެފި އެވެ.
އިބޫގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ރޭ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އިބޫއަށް ބައިވެރިވެވަޑައިނުގެންނެވީ މާލޭގައި ނެތުމުން ކަމަށެވެ.
އިބޫ މި ވަގުތު ހުންނެވީ މެލޭޝިޔާގަ އެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ތިއްބެވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ނަޝީދު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ދެއްކެވި ތާރީހީ ވާހަކަފުޅުގައި ވެސް ކުރިން އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އިބޫގެ ނަން ފާހަގައެއް ނުކުރައްވަ އެވެ.
އިބޫ ވަނީ އެމްޑީޕީގެ ޓިކެޓުގައި 2028 ގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވަން ވެސް ނިންމަވައިފަ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރާ ޖަލްސާ އަށް ތައްޔާރުވަމުން އަންނަނިކޮށް، އެ ޕާޓީގެ އިސްބައެއް ބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ނަމަވެސް، އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
އިބޫގެ ވެރިކަމުގައި ނަޝީދު އެމްޑީޕީ ދޫކުރައްވައި، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ރޭ ގުޅިވަޑައިގެންފަ އެވެ.