20 މާޗް 2017 - 20:03

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ގައުމުގައި ފިތުނަފަސާދަ އުފައްދަވާ ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ރައީސުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ މި ވިދާޅުވީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ދެއްކެވި ވާހަކަ އަށް މައުމޫނާއި ނަޝީދު ވަރަށް ބޮޑަށް ތައުރީފްކުރައްވާފައި ވަނިކޮށެވެ.
އަބްދުއްރަހީމް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް، ހާލަތާ ގުޅޭ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެކަން ކުރެއްވުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާނަށް ގޮވާލެއްވުމުން އެއީ، "ވަރަށް ރަނގަޅު ވާހަކަފުޅެއް" ކަމަށް ވިދާޅުވެ ނިހާން ވަނީ އެކަމަށް ތާއީދު ވެސް ކުރައްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އަމިއްލަ އެދުމަށް، ގައުމުގައި ފިތުނަފަސާދަ އުފައްދާ ބަޔަކަށް އިނާޔަތާއި ރައްކާތެރިކަން ދޭން ނުޖެހޭ ކަމަށެވެ.
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އެގޮތުން ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދާއި އޮފީސް ހިންގުމާއި ބޭސްފަރުވާ އަށް ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ކުޑަކޮށް، އެކަމާ ބެހޭ އުސޫލެއް ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އެ އިނާޔަތްތަކަށް އަނެއްކާވެސް ބަދަލު ގެންނަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އިސް މެމްބަރުން ވިސްނުން ގެންގުޅުއްވާއިރު، މައުމޫނަށް ދެމުން އަންނަ ސެކިއުރިޓީ ވެސް ވަނީ ދަށްކޮފަ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރެއްވުމުގެ މަސައްކަތުގައި އިސްކޮށް މައުމޫން ހުންނެވި ކަމުގެ ތުހުމަތުގައި ކަމަށް ވެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު މި މަހު 27 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ވޯޓާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެމްބަރުން ގެންދަވަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރައްވަމުންނެވެ. އެ ވޯޓު ކާމިޔާބުކޮށް، ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް މަޖިލިސް މެދުވެރިކޮށް ހޯދައިދޭން ޖެހިފައިވާ ކަމަށް ގާސިމް ވެސް ރޭ ވިދާޅުވި އެވެ.