24 ޖޫން 2025 - 09:25

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގުގެ މައްސަލާގައި ތުހުމަތުވާ މީހަކު މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިމަހުގެ 10 ވަނަ ދުވަހު އެ ސާމާނު އަތުލައިގަތީ ބެންގަލޫރު މަގުން ގެނައި އެއާ ކާގޯ ޝިޕްމަންޓަކުންނެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިއޮއިޑްސް އަށް އެތަކެތި ވަނީ ޕޮޒިޓިވް ވެފަ އެވެ.
ގާތްގަނޑަކަށް 26 މިލިއަން ރުފިޔާގެ އެ ތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައިގައި އެންމެ ފުރަތަމަ ކަސްޓަމްސްއިން ހިފެހެެއްޓީ އެ ޝިޕްމަންޓާ ހަވާލުވާން ދިޔަ ބަންގްލަދޭޝް މީހާ އެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް އެ ބަންގްލަދޭޝް މީހާ އާއި އެތެރެކުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރި އެވެ.
އެކަމަކު އެމީހާ، ބަންދުން ދޫކޮށްލީ އޭނާ އަކީ އެ މަސްތުވާތަކެއްޗާ ގުޅުމެއް އޮތް މީހެއް ކަމަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އޭގެ ފަހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި މައްސަލައަކީ ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އެ ތަކެތި އެތެރެކުރި ކުންފުނި ވެސް ހާމައެއް ނުކުރި އެވެ.
ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި ފޮރުވާފައި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.