24 ޖޫން 2025 - 08:50

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ވަގުތު ޖެހުމުގެ އިރުކޮޅެއް ކުރިން އީރާނުން އިޒްރޭލަށް ފުލުފުލުގައި މިސައިލް ހަމަލާތައް ދީ ބަޔަކު މަރާލައިފި އެވެ.

އީރާނުން މީގެ ގަޑިއެއްހާއިރު ކުރިން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލި އެވެ. އިޒްރޭލުން ބުނީ އެއީ މަދު އަދަދެއް ކަމަށާއި އޭގެ ނުރައްކަލެއް ނެތް ކަމަށެވެ. އެހެންވެ ބަންކަރުތަކުން މީހުން ނުކުމެ އުޅުނަސް އެންމެ ރަނގަޅު ކަމަށް އެންގި އެވެ.
އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ވަނީ އީރާނުން މިސައިލްތަކެއް ފޮނުވާލިކަން އަންގައި އެންމެން އަލުން ބަންކަރަށް ވަންނަން އަންގައިފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި މި ވަގުތު ވެސް އީރާންގެ މިސައިލްތަކެއް އިޒްރޭލަށް ވަނީ ފޮނުވާލައިފަ އެވެ. އަދި އެންމެ ފަހުން ދިން ހަމަލާތަކުގައި ބީރްޝަބައު އިން އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިފަހަރު ފޮނުވާލީ ކިތައް މިސައިލް ކަމެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނެެތެވެ. މިހާތަނަށް މިއަދު އިޒްރޭލަށް އީރާނުން ހަތަރު ބުރެއްގެ މަތިން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ ޖީއެމްޓީ ގަޑިން ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އިޒްރޭލާއި އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވިދާޅުވީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އެ ވަގުތުގެ ފަހުން އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ އިޒްރޭލުން އިސްވެ ފެށި އުދުވާނެއް ކަމަށާއި އެހެންވެ އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ރައްދު ނުދޭނެ ކަމަށެވެ.