24 ޖޫން 2025 - 08:57

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގުތަކާއި ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން އެމެރިކާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އެގައުމުން ވަނީ ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ. އެއާ އެކު ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް، ހާލަތު ބެލުމަށް ފަހު އަނެއްކާ ވެސް ވަނީ ގަތަރާއި ޔޫއޭއީން ވައިގެ ދަތުރުތައް އަލުން ފަށައިފަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލިޑަޝިޕްގެ ދަށުން ކަމާ ގުޅޭ އިދާރާތަކާ އެކު ބޭރުގެ ތެލާއި ވިޔަފާރީގެ މުއާމަލާތްތަކަށް އަންނަ އަގުތައް ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި ހާލަތު ބެލުމަށް ފަހު، ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވެސް ވަނީ ހާލަތު ދިރާސާކޮށް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުމެއް ދެނެގަންނަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ރޭ ކުޑަ ވަގުތުކޮޅަކަށް ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލި އިރު އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އުފުލާ އެއާލައިންތައް އޮތް ސަރަހައްދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަންޒިލްތަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ ގަތަރު އެއާލައިނާއި އެމިރޭޓްސް އިންނެވެ.