24 ޖޫން 2025 - 00:01

ގަތަރުގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް އީރާނުން މިރޭ ދިން ހަމަލާ ދިނުން އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފި އެވެ.
"އެކުވެރި ގަތަރާ ދެކޮޅަށް އީރާނުން ހިންގި އުދުވާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ހަމަތަކާ ވެސް ހިލާފު އަމަލެއް. މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.
ސައޫދީން ބުނީ ގަތަރުގެ ދިފާއުގައި ސައޫދީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އީރާނުން ގަތަރަށް ހަމަލާ ދިނީއ އީރާނާ ދެކޮޅަށް އިޒްރޭލުން ފަށައިގެން އުޅޭ އުދުވާނުގައި އެމެރިކާ ބައިވެރިވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އެޅުމާ އެކުގަ އެވެ. އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާ ދީފި ނަމަ މެދުއިރުމަތީގައި އެމެރިކާއިން ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދޭނެ ކަމަށް އީރާނުން ކުރިން ވެސް އިންޒާރު ދީފައިވެ އެވެ.
މިރޭގެ ހަމަލާތަކަށް ފަހު އީރާނުން ބުނީ މިއީ ގަތަރުގައި ހުންނަ، އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ދިން ހަމަލާއެއް ކަމަށެވެ. މިއީ ވަރުގަދަ ހަމަލާތަކެއް ކަމަށް އީރާނުން ބުނެފައި ވާއިރު ގަަތަރުން ބުނީ މި އަމަލުގެ ރައްދު ސީދާ ގޮތުން ދިނުމުގެ ފުރިހަމަ ހައްގު މިހާރު ގަތަރަށް އެބަ އޮތް ކަމަށެވެ.
އެމެރިކާއިން ބުނީ އީރާނުން ހަމަލާ ދިނީ ކުރު އަދި މެދުރާސްތާ ބެލަސްޓިކް މިސައިލުން ކަމަށެވެ. މިސައިލްތައް އިންޓަސެޕްޓުކޮށް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި އަސްކަރީ މަރުކަޒަށް އަދި އެމެރިކާ ސިފައިންގެ މީހަކަށް ވެސް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް އަދި ނެތް ކަމަށް ބުންޏެވެ.
އީރާނުން ހަމަލާދޭން ތައްޔާރުވާކަން އެނގުމާ އެކު ގަތަރުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އޭގެ ފަހުން ޔޫއޭއީން ވެސް ވައިގެ ސަރަހައްދު ބަންދުކުރި އެވެ، ސައޫދީ އާއި ކުވައިތު ވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފަ އެވެ.