ޓޮޑް ބޯލީ ކަޅުބާޒާރުގައި ޓިކެޓް ވިއްކާ މައްސަލައެއް
ޓޮޑް ބޯލީ ކަޅުބާޒާރުގައި ޓިކެޓް ވިއްކާ މައްސަލައެއް

ލަންޑަން (ޖޫން 24) - މެޗުތަކުގެ ޓިކެޓް ކަޅުބާޒާރުގައި ވިއްކާ ވިވިޑް ސީޓްސް ކުންފުންޏާއި، ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ އޮންނަ ގުޅުން ހާމަ ކޮށްދޭން، އިނގިރޭސި ޕްރިމިއާ ލީގުން އޭނާއަށް އަންގައިފި އެވެ.

ވިވިޑް ސީޓްސް އަކީ ޕްރިމިއާ ލީގުން، ހުއްދަ ނުހޯދައި ޓިކެޓް ވިއްކާ ކަމަށް ލިސްޓް ކުރެވިފައިވާ ވެބްސައިޓެކެވެ. އަދި އެފަދަ ސައިޓްތަކުން އޮންލައިންކޮށް ޓިކެޓް ގަތުމުގައި އިންތިހާއަށް ސަމާލުވުމަށް ޕްރިމިއާ ލީގުން ސަޕޯޓަރުންނަށް އިލްތިމާސް ކުރެ އެވެ.

އެމެރިކާގެ މި ވެބްސައިޓުން، އިނގިރޭސި ވިލާތުން ބޭރު މީހުންނަށް ކުޅިވަރު އިވެންޓްތަކާއި މިނޫންވެސް މިފަދަ އިވެންޓްތަކުގެ ޓިކެޓް ގަތުމުގެ ފުރުސަތު ލިބޭއިރު، ގިނަ ފަހަރު މި ޓިކެޓްތައް ވިއްކަނީ އެތައް ގުނައެއް އަގު ބޮޑުކޮށެވެ. މިދިޔަ ސީޒަނުގައި ޗެލްސީ ދަނޑުން ޓިކެޓެއްގެ އަގު ވިވިޑް ސީޓްސްގައި 20،000 ޕައުންޑަށް ލިސްޓް ކޮށްފައި ވެއެވެ. ނަމަވެސް މިއީ އިނގިރޭސި ވިލާތުގައި މަނާ ކަމެކެވެ.

ބޯލީ އަންނަނީ 2021 އިން ފެށިގެން ވިވިޑް ސީޓްސްގެ ބޯޑުގައި ޑިރެކްޓަރެއްގެ މަގާމު އަދާ ކުރަމުންނެވެ.

ޗެލްސީގެ ހިއްސާގެ ބޮޑު ބައެއް އޮންނަނީ ބެހްދާދު އެގްބާލީ އިސްކޮށް ކުންނަ ކްލިއާލޭކް ކެޕިޓަލް ކޮންސޯޓިއަމްގަ އެވެ. ޗެލްސީގައި ޓޮޑް ބޯލީގެ އޮންނަނީ 13 ޕަސެންޓް ހިއްސާ އެވެ.

ނަމަވެސް 2022 ވަނަ އަހަރު އިނގިރޭސި ސަރުކާރުން ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޗެލްސީ ވިއްކާލި ފަހުން، ޗެލްސީގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅޭ ފަރާތަކީ ބޯލީ އެވެ.

މިއަހަރުގެ ކުރީކޮޅު ޗެލްސީ ސަޕޯޓާސް ޓްރަސްޓުން ވެސް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފައެވެ. އަދި އެކަމާ ގުޅޭ ހެކި ވެސް އެ ޓްރަސްޓުން ވަނީ ހުށަހަޅައިފަ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ކުރިމަތިވީ ޕްރިމިއާ ލީގުން ފުޓްބޯޅަ ސަޕޯޓަރުންގެ އެސޯސިއޭޝަން މެދުވެރިކޮށް ސަޕޯޓަރުން ގްރޫޕްތަކާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ. ޗެލްސީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި މިހާރުގެ ކޯޗު އެންޒޯ މަރެސްކާ ވެސް ވަނީ ޗެލްސީ ދަނޑަށް ވަންނަ ސަޕޯޓަރުން މަދުކަން ފާހަގަ ކޮށްފަ އެވެ.

ޗެލްސީ މިހާރު އަންނަނީ އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ކުޅެމުންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހެނދުނު ޗެލްސީ ނުކުންނާނީ ޓިއުނީޝިއާގެ އެސްޕަރާންސޭ ޑި ތޫނިސްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި އެލްއޭ އެފްސީގެ މައްޗަށް ކުރި ހޯދި ނަމަވެސް ދެވަނަ މެޗުގައި ވަނީ ފްލަމެންގޯ އަތުން ބަލިވެފަ އެވެ.