23 ޖޫން 2025 - 22:23

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު އެމްޑީޕީން ނަގާނީ ބޮޑުކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރަން ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގަ އެވެ.
"މި އިންތިހާބު، ކައުންސިލްގެ އިންތިހާބު، މާލޭ ސިޓީ ކައުންސިލަށް ވިޔަސް އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް ކުޅުދުއްފުށީ ކައުންސިލަށް ވިޔަސް ހުވަދު އަށް ވިޔަސް ފުވައްމުލައް ވިޔަސް އަދި ރާއްޖެ އިން އައްޑު އިން ކެލައަކަށް ނޫން، ތުރާކުނުން އައްޑު އަށް ކަމަށް މި އޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލް އަޅުގަނޑުމެން ނަގާން ޖެހިއްޖެ،" ފޯރި އާއި ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީން އެ ކައުންސިލް ކާމިޔާބު ކުރާން ޖެހިއްޖެ."
ނަޝީދު ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދައިދޭން ވެއްޖެ އެވެ. ވިދާޅުވީ، ރާއްޖޭގައި ތަނަވަސްކަމާ އެކީ އުޅެވޭނެ މަގެއް ހޯދެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މި ޕާޓީއާ ގުޅި މި ހުރީ އަޅުގަނޑުގެ މުސްކުޅި ޕާޓީ، އަޅުގަނޑުގެ މުޅި ހަޔާތް އަޅުގަނޑު ހޭދަކުރީ މި ޕާޓީއަށްޓަކައި. އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މި ޕާޓީއަށް ކާމިޔާބުވުން. އަޅުގަނޑު އަބަދުވެސް އެދޭނީ އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް މިއަދު މި ލިބޭ މިންވަރަށް ވުރެ އަދި މާ ފާގަތި މާދަމާއެއް އަޅުގަނޑުމެންނަށް އެންމެންނަށް ވުން،" ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމް ކައިރީގައި މިރޭ ދެއްކެވި ތާރީހީ ވާހަކަފުޅު ނިންމަވައިލައްވަމުން ނަޝީދު ވިދާޅުވި އެވެ.