23 ޖޫން 2025 - 22:49

ދެ އަހަރެއްހާ ދުވަހު އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު މިރޭ އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އިހުސާސް ކުރެއްވުނީ ގިނަ ދުވަސްތަކެއް ފަހުން އަނބުރާ ގެއަށް ދެވުމުން އެ ލިބިވަޑައިގަންނަވާ އުފާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު، އެނބުރި ވަޑައިގެންނެވުމުން އިންތިހާއަށް އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއް ވަރު ވެއްޖެ. އެހެން ނަމަވެސް މިރޭ މި ތަނަށް އައިސް ހުންނައިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން،" ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި، އަލުން އަނބުރާ ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައިގެނެއް ނުދާނެ."
ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގައުމީ މަޖިލީހުގެ ބޭފުޅުން، އެ މަނިކުފާނު އަލުން އެ ޕާޓީއަށް ގުޅިވަޑައިގަތުމުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މި ވަގުތު ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށެވެ. މި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ދަރަނި މިހާރު ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓުގައި ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ނަޝީދު ފާޅުކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެންމެ ފުރަތަމަ ބައްދަލުކުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށް ދަރަނި އަރައިގެންނެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން އޭރު ބެލި އެވެ.
"އެންމެ ފަހުން އަޅުގަނޑު ބަލާލިއިރުގައި، ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 813 މިލިއަން ޑޮލަރުގައި. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނިގެން. އެހެންވީމަ، ހަގީގަތުގައި [މަރުކަޒީ] ބޭންކުގައި އެއްޗެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މި ދަރަނި އަދާކުރެވޭނެ ގޮތް ހޯދަން ޖެހެ އެވެ. އެހެންވެ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީގެ އެންމެ ބޮޑު އެއް ޒިންމާއަކަށް ވާނީ ރައްޔިތުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމެވެ. ގައުމަށް މި ވަމުންދާ ގޮތްތައް ކިޔައިދީ، އޮޅުންފިލުވައިދިނުމެވެ.
މި ބޮޑު ދަރަނި ދައްކަން އޮތުމުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތައް ކޮންމެ ދުވަހަކު ފެންނަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޑޮލަރުގެ އަގު 19.40ރ. އަށް އަރާ ހިނގައްޖެ. އެހެންވީމަ، ފިޔާ ކިލޯއެއްގެ، އަލުވި ކިލޯއެއްގެ، މުގު ކިލޯއެއްގެ، ހަނޑޫ ކިލޯއެއްގެ އަގު އަރައިގެން ގޮސް ހުންނާނެ ތަން [ވިސްނާލާ]،" ނަޝީދު ވިދާޅުވި އެވެ.
"އިއްޔެގައި ބާޒާރަށް 300ރ. ހިފައިގެން ނުކުތްއިރު ފަރުޖެހުނޭ. ފަރުޖެހުނޭ. މިއަދު 500ރ. އިން ވެސް ނުވޭ. ތީގެން އެއްވެސް ބޭފުޅެއްގެ މުސާރައަށް ބަދަލެއް އައިކީ ނޫން، ކުއްޔަށް ބަދަލެއް އައިކީއެއް ނޫން، ކަރަންޓަށް ބަދަލެއް އައިކީއެއް ނޫން، ފެނަށް ބަދަލެއް އައީކީއެއް ނޫން. ހައްތަހާ ވެސް ދޭން ޖެހޭ މިންވަރު، ކުރަން ޖެހޭ މިންވަރު، ހަރަދު މި ދަނީ ބޮޑުވަމުން."
ނަޝީދު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ދުވަހަކު ވެސް ނުކުރާ ވަރަށް މިހާރު ތިރިވެއްޖެ ކަމަށެވެ. އެކަމަކު، ހަރަދު ކުޑަކުރެވުނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ އެކަނި ދީގެން ކަމަށާއި ސަރުކާރުން އިގުތިސާދަށް ނެރޭ އެއްވެސް ފައިސާއެއް މިހާރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ހެދުމުން ރާއްޖޭގެ އިގުތިސާދު ކުރިއަރާ ދާނެ ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީއަކީ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫން. މި ނޫން ޕާޓީއެއް އޭޝިއާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް، ހަގީގަތުގައި ނުވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުގައި އިޝާރަތްކުރެއްވީ ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅު ކުރެވޭނީ އެމްޑީޕީ ކަހަލަ، އެކަން ކުރެވޭނެ ގާބީލު ބަޔަކު ތިބި ޕާޓީއަކަށް ކަމަށެވެ. ދައުލަތުގެ ދަރަނި އަނބުރާ ދެއްކޭނެ ގޮތާއި އެ ފައިސާ ހޯދާނެ ގޮތް ވެސް އެމްޑީޕީއަށް އެނގޭ ކަމަށާއި ދިވެހި ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދީފައި ވަނީ އެ ޕާޓީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.