23 ޖޫން 2025 - 19:44

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓެއް ކޯސްޓް ގާޑުން ރޭ ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި، ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ މަސްބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، އެ ބޯޓުތައް ފެނުނު ސަރަހައްދު ސިފައިން އަދި ނުބުނެ އެވެ. ސިފައިން އާންމުކުރި ފޮޓޯތަކުން އެނގޭ ގޮތުގައި، އެ ދެ މަސްބޯޓު ލޮކޭޓް ކުރަން އެމްއެންޑީއެފުން އަސްކަރީ ޑްރޯން ބޭނުންކޮށްފައިވެ އެވެ.
އެމްއެންޑީފެއުން ބުނީ، އެ ދެ މަސްބޯޓާ މެދުގައި ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށްޓަކައި ފުލުހުންނާ ހަވާލު ކުރުމަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސްބޯޓުތައް ދޭތެރެދޭތެރެއިން ކޯސްޓްގާޑުން ހިފަހައްޓަ އެވެ.