23 ޖޫން 2025 - 14:33

އިރާނުގެ ވެރިކަން ބަދަލުކުރުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި އޭނާ އިއްޔެ ވިދާޅުވީ އިރާނުގެ ވެރިކަން ބަދަލު ކުރުމަކީ "ގޯސް ކަމެއް ނޫން" ކަމަށެވެ.
އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އިއްޔެ އެމެރިކާއިން ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާ ދިންކަން އިއުލާން ކުރުމަށް ފަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިރާނަށް ހަމަލާ ދިނީ އިޒްރޭލާއި ގުޅިގެން ކަމަށެވެ.
މި މަހު 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދިނުމުން ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުން މަސްރަހު ވަނީ ގޯސްވެފަ އެވެ. މަސްރަހު އިތުރަށް ހޫނުވެފައިވާ ވަގުތެއްގައި އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ.
ޓްރަމްޕް އެ ވާހަކަ ދެއްކެވީ އޭގެ ފަހުންނެވެ. އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް ބުނީ އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވާހަރަކޮށްލުމަކީ ވެސް އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ މަގުސަދެއް ކަމަށެވެ.
މިއަދު އިޒްރޭލުން ބުނީ "މަގުސަދު ހާސިލު ވަންދެން" އިރާނަށް ހަމަލާ ދެމުން ގެންދާނެ ކަމަށެވެ.