23 ޖޫން 2025 - 11:34

ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ނުލިބި، މަސައްކަތް ކުރަން ޖެހޭތީ، އެކަމާ މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ސިއްހީ އަދި ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ، އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތަކާ މެދު އަދި އެކަމުގައި އަދުލުވެރި މާހައުލެއް ގާއިމްކުރަން މެންބަރުން ދެކޭ ގޮތެއް ބަލަން ބޭނުންވާ ކަމަށް ގަރާރު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
ޕޭ ފްރޭމްވޯކްގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ މިންގަނޑުގައިވާ ގޮތުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ދެވޭނެ އެންމެ މަތީ އަދަދަކީ މަގާމުގެ އަސާސީ މުސާރައިގެ 10 ޕަސެންޓެވެ. އެއަށް ވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ.
ނަމަވެސް، އެ މުވައްޒަފުންނަށް އެއަށް ވުރެ ވެސް އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. ސިއްހީ ދާއިރާގައި މުވައްޒަފުން މަދުވުމުގެ ސަބަބުން އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި ޓީޗަރުންނާއި ސްކޫލްތައް ހިންގުމުގައި އުޅޭ މީހުން ވެސް އިތުރު ގަޑީގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނީ އިތުރު ގަޑީގެ ސީލިންއަށް ވުރެ އިތުރަށް މަސައްކަތް ކުރުވަން ޖެހޭ ނަމަ، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ. އަދި އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތައް ވެސް މުރާޖައާ ކުރަން ޖެހޭ ކަމަށް ގަރާރުގައި ބުންޏެވެ.