23 ޖޫން 2025 - 10:51

އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖުގެ ކޮމެޑީ ފިލްމު ސީރީޒް "ސަރްދާރުޖީ 3"ގައި ޕާކިސްތާނުގެ ތަރިއެއް ކަމަށްވާ ހާނިއާ އާމިރް އުޅޭތީ އިންޑިއާގެ އާންމުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
"ސަރްދާރުޖީ 3"ގެ ޓްރެއިލާ އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ޓްރެއިލާ އިން އެނގޭ ގޮތުގައި، ހާނިއާއަކީ ވެސް އެެ ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ތަރިއެކެވެ.
ޓްރެއިލާ ނެރުނީ އެ ފިލްމު އިންޑިއާގައި ރިލީޒްނުކުރާ ގޮތަށް ވެސް ނިންމައިފަ އެވެ. ޓްރެއިލާގައި ބުނީ އެ ފިލްމު އަޅުވާނީ ބޭރު ގައުމުތަކުގައި އެކަނި ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު މިދިޔަ މެއި މަހު ހޫނުވުމުން އިންޑިއާގެ ފިލްމުތަކުގައި ޕާކިސްތާނުގެ އެކްޓަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭން އިންޑިއާގައި ފިލްމު އުފައްދާ މީހުންގެ ޖަމިއްޔާތަކުން އޮތީ އަންގައިފަ އެވެ.
އެހެން އަންގާފައި އޮއްވާ ޕާކިސްތާނުގެ ތަރިއަކާއެކު ހަދާފައިވާ އިންޑިއާގެ ފިލްމެއް ރިލީޒްކުރާތީ އިންޑިއާގެ އާންމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ގިނަ ބައެއްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ ދިލްޖީތަށެވެ.
"ހަނގުރާމަ ހިނގި ދުވަސްވަރު [ދިލްޖީތު] އެއްވެސް އެއްޗެއް ނުބުނޭ. މިހާރު މި އެނގުނީ ކީއްވެކަން. އަހަންނަށް ވަރަށް ކަމުދިޔަ މީހެއް، އެކަމަކު މިހާރު ފޫހިވެއްޖެ،" ދިލްޖީތަށް ފާޑުކިޔައި މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
"އަހަންނަށް ހީނުވޭ ދިލްޖީތަކީ ގައުމު ދެކެ ލޯބިވާ މީހެއްހެން. އަހަރެން އުއްމީދެއް ވެސް ނުކުރަން އޭނާ ޕްރޯ-އިންޑިއާ ވެދާނެ ކަމަށް،" އެހެން މީހަކު ބުންޏެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާއާ ގުޅިގެންނެވެ. އެ މައްސަލާގައި އެ ދުވަސްވަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލުކުރި އެވެ.
ޕަންޖާބީ ބަހުން ގެެނެސްދޭ "ސަރްދާރުޖީ"ގެ ދެ ފިލްމެއް މީގެ ކުރިން ގެނެސްދީފައިވެ އެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ. ބޮލީވުޑްގައި ދިލްޖީތު ބޮޑަށް މަޝްހޫރުވީ 2016 ވަނަ އަހަރު ނުކުތް ފިލްމު "އުޑްތާ ޕަންޖާބް" އިންނެވެ.
"ސަރްދާރުޖީ 3" ރިލީޒްކުރަނީ އަންނަ ހުކުރު ދުވަހު އެވެ.