23 ޖޫން 2025 - 10:42

އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކަށް އަދަބު ދިނުން ކުރިއަށް ގެންދާނެ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.
އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އެމެރިކާ އިން އިއްޔެ ހަމަލާ ދިން ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހާމަނާއީ ވިދަޅުވީ "ޒަޔަނިސްޓް ދުޝްމަނުންނާ" ދެކޮޅަށް ބަދަލު ހިފުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެކަމަކު، އެމެރިކާއިން ދިން ހަމަލާގެ ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުގައި ހިމަނުއްވައިފައެއް ނުވެ އެވެ. ވިދާޅުވީ "ޒަޔަނިސްޓް ދުޝްމަނުން" ކުރީ ބޮޑު ކުށެއް ކަމަށެވެ.
"ޒަޔަނިސްޓް ދުޝްމަނުން ކުރީ ބޮޑު ކުށެއް. ހިންގީ ބޮޑު ޖަރީމާއެއް. އެކަމަށް އަދަބު ލިބެން ޖެހޭނެ. އެކަމަށް އަދަބު ދީފައި ވާނީ ވެސް. މިހާރު ވެސް އަދަބު ދެމުން ދަނީ ވެސް،" ހާމަނާއީ ވިދާޅުވި އެވެ.
އިއްޔެ ހެނދުނު އިރާނަށް ހަމަލާ ދިނުމަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތައް ކާމިޔާބު ކަމަށެވެ.
އެމެރިކާއިން ހަމަލާ ދިނީ އިސްފަހާން، ނަތަންޒް ފޯދޯގައި ހުންނަ ނިއުކްލިއަ ސައިޓްތަކަށެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން ހަމަލާ ދިނީ އިޒްރޭލާ ގުޅިގެންނެވެ.