ގިނަ އަދަދެއްގެ ބޭސްތަކެއް ގެންނަން އުޅުނު ދެ ދިވެއްސަކު ކޮޗިން އެއާޕޯޓުން ހުއްޓުވައިފި
ގިނަ އަދަދެއްގެ ބޭސްތަކެއް ގެންނަން އުޅުނު ދެ ދިވެއްސަކު ކޮޗިން އެއާޕޯޓުން ހުއްޓުވައިފި

ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފި އެވެ.

އިންޑިއާގެ ކަސްޓަމްސް އާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނިގޮތުގައި، އެ ބޭސްތައް ފެނުނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަށް ދާން ފުރަން ގޮސް ތިބި ދެ ދިވެެއްސެއްގެ ލަގެޖުން ކަމަށެވެ.

އެހާ ގިނަ އަދަދެއްގެ ބޭސް އެކްސްޕޯޓު ކުރަން ހުއްދަ ބޭނުންވާއިރު، އެކަމުގެ އެއްވެސް ލިޔުމެއް އަދި ހުއްދައެއް ވެސް އެ މީހުންގެ އަތުގައި ނެތް ކަމަށް އިންޑިއާގެ ކަސްޓަމްސްއާ ހަވާލާދީ ބުންޏެވެ.

އެހެންކަމުން، އެ ބޭސްތައް އަތުލައި، އެ ދެ ދިވެހިން އަންނަން އުޅުނު ފްލައިޓުން ފުރުވާލާފައިވާ ކަމަށް ވެސް ބުންޏެވެ

ކަސްޓަމްސްއިން ބުނިގޮތުގައި އެ ދެ މީހުންގެ ލަގެޖުން ފެނުނު ބޭހުގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސް އަށް އަރާނެކަމަށް ބެލެވޭ އެވެ.

އެ މީހުން އެ ބޭސްތައް ރާއްޖެ އަށް ގެންނަން އުޅުނު ސީދާ ސަބަބެއް ސާފުނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެއާ އެކު، އެ ބޭސްތައް ތަހުލީލުކޮށް، އޭގައި މަސްތުވާ ޒާތުގެ ބޭހެއް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މިއީ މިގޮތަށް ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށް ކަސްޓަމްސްއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުންޏެވެ.

މި ހާދިސާ ހިނގާފައިމިވަނީ، ސަރުކާރުން އާސަންދައިގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން، ރާއްޖޭގައި ބޭސް ލިބުން ތާށިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބޭސް ލިބުން ދަތިވެފައިވަނީ، އާސަންދައިގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާނެ ފުރުސަތު މިހާރު ނުލިބޭތީ، ބޭހުގެ ވިޔަފާރިކުރާ ބައެއް އަމިއްލަ ފަރާތްތަކުން ގަސްދުގައި ބޭސް ވިއްކުން ތާށިކުރާތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމަށް ހައްލެއް ހޯދުމަށް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އަސާސީ ބޭސް ރާއްޖެއަށް މިހާރު ވަނީ ގެންނަން ފަށައިފަ އެވެ.