22 ޖޫން 2025 - 22:31

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ އިއުލާނުކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އިބޫ މިކަން ހާމަކުރެއްވީ، އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިބޫގެ ވަރަށް އަރިސް ބޭފުޅަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އެ ނިންމެވުން އިއުލާން ކުރެއްވުމުގެ ކުރިން އެމްޑީިޕީގެ އެކި ފަންތީގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.
"އެ މަޝްވަރާތައް ކުރިއަށް ދާތާ ދުވަސްތަކެއް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން މި އިއުލާން ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން މާދަމާ ރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ.
ނަޝީދު ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ އެތެރޭގެ މަސްރަހު މިހާރު އެނބުރެމުންދާ ގޮތަށް ބަލާއިރު ބެލެވޭ ގޮތުގައި ކުރިއަށް އޮތް ރިޔާާސީ އިންތިހާބުގެ ޓިކެޓު ހޯއްދަވަން ނަޝީދު ކުރިމަތިލައްވާނެ އެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
ނަޝީދު އާއެކު އިބޫ ވެރިކަމުގައި އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސް އުފެއްދެވި އެމްޑީޕީގެ އިސް ބޭފުޅުން ވެސް އަލުން އެނބުރި މާދަމާ ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދު އާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.