22 ޖޫން 2025 - 09:36

ސިންސިނާޓީ (ޖޫން 22) - ނަތީޖާ ނެރުމަށްޓަކައި އެމެރިކާގެ ހޫނު މާހައުލުގައި ކުޅެން ޔޫރަޕްގެ ކުޅުންތެރިން ހޭނެން ޖެހޭ ކަމަށް ޖޯބެ ބެލިންހަމް، 19، ބުނެފި އެވެ.
އެމެރިކާގެ ގަޑިން އިއްޔެ މެންދުރު 12 ޖެހިއިރު ޑޯޓްމަންޑުން 4-3 އިން ދެކުނު އެފްރިކާގެ ސީޓްލް ސަންޑައުން ބަލިކުރި މެޗުގައި ޖޯބެ ވަނީ ފުރަތަމަ ފަހަރަށް އެ ޓީމަށް ގޯލެއް ޖަހައިފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
ތިރީސް ދެ ޑިގްރީ ސެލްސިއަސްގެ ހޫނުގައި މެންދުރު ވަގުތު ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޖޯބެ ބުނީ، ކްލަބް ވޯލްޑް ކަޕް ކުރިއަށް ދާވަރަކަށް ހޫނުގައި ކުޅެން ޔޫރަޕްގެ ކުޅުންތެރިން ހޭނެން ޖެހޭ ކަމަށެވެ.
"އަހަރެންނަށް ގަބޫލުކުރެވެނީ މި މާހައުލުގެ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށް. ހާއްސަކޮށް ޔޫރަޕްގެ ޓީމަކަށް ވެފައި އެމީހުން [ސަންޑައުން] ކުޅުނީ މޮޅު ގޭމެއް، އެމީހުނަށް މި ފަދަ ހޫނު މޫސުމެއްގައި ކުޅެން ތިބޭނީ ވަރަށް ބޮޑަށް ހޭނިފައ. އެކަމަކު އަހަރެމެން އަދި ނުހޭނޭ. މާހައުލަށް ހޭނެން އަހަރެމެން ޖެހޭނީ މުބާރާތް ކުރިއަށް ދާވަރަކުން މަސައްކަތް ކުރަން،" ޖޫޑް ބެލިންހަމްގެ ކޮއްކޮ، ޖޯބެ ބުންޏެވެ.
މިއީ ޖޯބެ އެ ކްލަބަށް ކުޅެދޭ ދެވަނަ މެޗެވެ. ނަމަވެސް ރޭގެ މެޗަކީ އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ފަސް އަހަރުގެ ޑީލެއްގައި 37.7 މިލިއަން ޑޮލަރުގެ އަގަކަށް ޑޯޓްމަންޑަށް ބަދަލުވެ، މިހާ އަވަހަށް ކުޅުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހޭ ކަން ޖޯބެ ވަނީ ހާމަކޮށްފަ އެވެ.
"ޓީމުގެ ކުޅުންތެރިންގެ ފަރާތުން އަހަރެންނަށް ބައިވަރު އެހީ ލިބޭ. އަދި މިއީ ތަފާތު ތަޖުރިބާއެއް. ކްލަބަށް ސޮއި ކޮށްފަ ޗުއްޓީއަށް ދިޔުމުގެ ބަދަލުގައި ޓީމު އެންމެނާ ދިމާވެ، ކޯޗުގެ ގޭމްޕްލޭނަށް މަސައްކަތް ކުރުމުގެ ފުރުސަތު މިފަހަރު މިއޮތީ ލިބިފައި،" ޖޯބެ ބުންޏެވެ.
ޖޯބެގެ ކުޅުމާ މެދު ޑޯޓްމަންޑްގެ ކޯޗު ނިކޯ ކޮވަކް ވެސް ހުރީ ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ ޖޯބެ އަކީ ޑޯޓްމަންޑުގެ ކުރިމަގަށް މުހިއްމު ކުޅުންތެރިއެއް ގޮތުގައި ސިފަ ކޮށްފަ އެވެ.
ފީފާ އިން މި މަހު އަލަށް 32 ޓީމާ އެކު ފެށި ކްލަބް ވޯލްޑް ކަޕްގައި ޑޯޓްމަންޑް ވަނީ ފުރަތަމަ މެޗުގައި ބްރެޒިލްގެ ފްލުމިނޭސީއާ އެއްވަރު ކޮށްފަ އެވެ. މިހާތަނަށް ފްލުމިނޭސީ އާއި ޑޯޓްމަންޑަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ސަންޑައުންސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ދެކުނު ކޮރެއާގެ އުލްސަން އެޗްޑީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.