21 ޖޫން 2025 - 22:08

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ކަމަށާއި އެ ގައުމުން ދަނީ މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ނަގާލަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަަނަ ސެޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދެއް ނެތް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްދޭ އަނިޔާތަކުން ފެށިގެން އިރާނަށް ދިން ހަމަލާތަކުން ވެސް އެ ގައުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަން ދޭހަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގަ އެވެ. ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ދުނިޔޭގައި އެންމެ ގަދައަށް ވަކާލާތުކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން ގޮވާލަމުންނެވެ.