22 ޖޫން 2025 - 10:18

ރާއްޖޭގައި ޓީޗަރުންގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އޯލެވެލްގެ ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ޓީޗަރުން ހަމަ ނުވުމުގެ މައްސަލައަކީ އަބަދުވެސް އޮންނަ މައްސަލައެއް ކަމަށެވެ.

ޕްރައިމަރީ ގްރޭޑްތަކަށް ބަލާއިރު، އަދިވެސް 200 ޓީޗަރުން ބޭނުންވާ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރިވަރުންނަށް، ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި ރަނގަޅު ޓީޗަރުން ބޭނުންވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވަމުން އެބަދޭ،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީ ޓީޗަރުންނާ އެކު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ 77 ޕަސެންޓަކީ އަންހެން ޓީޗަރުން ކަމަށެވެ. އަދި ފިރިހެން ޓީޗަރުންގެ ނިސްބަތަކީ 23 ޕަސެންޓު ކަމަށެވެ.
- ފިރިހެން 16 ޕަސެންޓު
- ޕްރައިމަރީ ގްރޭޑްތަކުގައި (ކީ ސްޓޭޖް 1 އަދި 2 ގައި) ފިރިހެން ޓީޗަރުންގެ އަދަދަކީ 9 ޕަސެންޓު
މިނިސްޓަރު ވަނީ އޭ ލެވެލްގައި ކިޔަވާ ނުވަތަ އޯ ލެވެލް ނިންމި ދަރިވަރުން ވެސް ޓީޗިން ދާއިރާއަށް ވަނުމަށް އެދިވަޑައިގެންފަ އެވެ.
"މޮޅު ކުދިން މި ދާއިރާއަށް ވަދެގެން މޮޅަށް ކިޔަވައި ދެވޭނީ،" އިސްމާއިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގައުމުގައި ވެސް ތައުލީމީ ސިސްޓަމް ހަރުދަނާ ކުރަން ބޭނުން ނަމަ މި ދާއިރާއަށް، ކިޔަވައި ދިނުމުގެ ދާއިރާއަށް މޮޅެތި ކުދިން ގެނައުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހޭ. އަދި އެ މޮޅު ކުދިން މި ދާއިރާއަށް ގެނައުމަށްޓަކައި ނިޒާމުގެ ތެރެއިން އަތުރާލާ ތަރުތީބުކުރަން ޖެހޭ ކަންކަން ވެސް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން."
ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުންގެ އަދަދު އިތުރުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ޓީޗަރުން އިތުރު ކުރުމުގެ ޕްރޮގްރާމް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.