21 މާޗް 2017 - 06:07

އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް ސައިންސް އެންޑް ޕެތޮލޮޖީގެ މަޝްހޫރު ޕެތޮލޮޖިސްޓް ޑރ. އެޑްވަޑް ބެނެވިކް އެ އިންސްޓިޓިއުޓްގެ ހުއްދަ ނެތި އެތަނުގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ދިރާސާތަކެއް ހިންގަމުން ގެންދާކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފި އެވެ.
އެޑްވަޑް ބެނެވިކަކީ 21 ވަނަ ގަރުނު ދުށް އެންމެ ބޮޑު ބަލިމަޑުކަމުން ދިފާއުވުމާ ބެހޭ އެތަކެއް ލިޔުންތަކާއި ފޮތްތަކެއް ޝާއިއު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އެކި ވައްތަރުގެ ޕެތޮޖަންސާ ބެހޭ އެތަކެއް ދިރާސާތަކެއް މިހާތަނަށް ކޮށްފަ އެވެ.
އެޑްވެޑްގެ ކެރިއަރަށް މި އައި ލޮޅުމާ އެކު އެތައް ބަޔަކަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ. މީގެ ހަގީގަތް ބަލައިލުމުގެ ޝައުގުވެރިކަން ވެސް މިހާރު އެތައް ބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ.
މި ހަބަރަކީ ތިއެޓާ މިރާޖާއި އޯކޭޒް އިންކުން ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ފިލްމް "އިލް ނޮއިސް" ގެ ފޭސްބުކް ޕޭޖަށް ކުއްލި ގޮތަކަށް އެރި ހަބަރެކެވެ.
ހަގީގަތް ބަލާލި އިރު މިވެގެން އުޅޭ ގޮތަކީ އެޑްވަޑްގެ މި ހަބަރަކީ ފިލްމަށް ބެލުންތެރިންގެ ޝައުގުވެރިކަން އިތުރު ކުރަން ޖެއްސި ޕްރޮމޯޝަނަލް ސްޓަންޓެއް ކަމެވެ. އެހެންވެ މާ ބޮޑަށް ހާސް ވާނެ ކަމެއް ނެތެވެ. އެޑްވަޑަށް މި ދިމާވި ގޮތް އެނގޭނީ ޝްވެކް ސިނަމާއިން ފިލްމް ބަލައިލުމުންނެވެ.
ކުރިން އަންނަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރަން އޮތް "އިލް ނޮއިސް" މިހާރު ވަނީ ފަހުގެ ތާރީހަކަށް ލަސްކޮށްފަ އެވެ. އެހެންވެ ފިލްމަށް އަދި އިންތިޒާރެއްކޮށްލަން އެބަ ޖެހެ އެވެ.
ފިލްމް އަޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ އެވެ. އެހެންވެ ޓިކެޓް ވިއްކުން ވެސް މިހާރު ވަނީ މަޑު ޖައްސާލައިފަ އެވެ. އަލުން ޓިކެޓް ވިއްކަން ފަށާނީ، ފިލްމް އަޅުވާނެ ތާރީހެއް ހަމަޖެހުމުންނެވެ.
އެޑްވަޑް ބެނެވިކަކީ "އިލް ނޮއިސް" މައި ކެރެކްޓާ އެވެ. އޭނާ ކުރާ މަސައްކަތަކީ އޭނާގެ މެންޓޯ އަށް ޖެހިފައިވާ ނުރައްކާތެރި ބައްޔަކުން ސަލާމަތް ކުރުމެވެ.
އިސްމާއީލް ނިހާދު ޑައިރެކްޓްކޮށްފައިވާ "އިލް ނޮއިސް" ގައި އެޑްވަޑް ބެނެވިކްގެ ރޯލް ކުޅެފައި ވަނީ މަޝްހޫރު ތިއޭޓަ އެކްޓަރު މުހައްމަދު މުންތަސިރު (މުންކޮ) އެވެ. މިއީ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ.
އޭނާއާ އެކު ފިލްމުގެ މައިގަނޑު ރޯލްތަކުން ދެން ފެނިގެން ދާނީ އަހުމަދު އަލަމް އާއި ޝަމްއަތު އިބްރާހީމެވެ. މިއީ ހައްތަހާ ވެސް ފީޗާ ފިލްމަކަށް އާ މޫނުތަކެވެ.
އަނެއްކޮޅުން މިއީ އާ ބަޔަކު ގެނެސްދޭ ފީޗާ ފިލްމެކެވެ. އެކަމަކު "އިލް ނޮއިސް" އަކީ ބައެއް މީހުންނަށް އާ އެއްޗަކަށް ނުވެދާނެ އެވެ.
ތިއޭޓަ ޕްލޭއެއްގެ ގޮތުގައި މީތި ވަނީ 2012 ވަނަ އަހަރު ފެނިގެން ގޮސްފަ އެވެ. އެއީ ގަޑިއެއްހާ އިރުގެ ޕްލޭއެކެވެ.
އެހެން ނަމަވެސް "އިލް ނޮއިސް" ސިނަމާ އަށް ފީޗާ ފިލްމެއްގެ ގޮތުގައި އަންނަނީ ބޮޑެތި މުހިއްމު ބަދަލުތަކަކާ އެކީގަ އެވެ. މި ފިލްމުގެ ދިގު މިނަކީ އެއް ގަޑި އިރާއި 40 މިނިޓެވެ.