21 ޖޫން 2025 - 15:50

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިސް ނަގައިގެން މި އަހަރުގެ ޔޯގާ ދުވަސް ރިސޯޓެއްގައި މިއަދު ފާހަގަކޮށްފި އެވެ.

ސަރުކާރުގެ އެހީތެރިކަމާ އެކު، މި ފަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތްތައް އިންޑިއާ ހައި ކޮމިޝަނުން ބޭއްވީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.

އެ ރިސޯޓުގައި ބޭއްވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.
އިންޑިއާއިން ކުލަގަދަކޮށް ފާހަގަކުރާ ޔޯގާ ދުވަހާ ގުޅިގެން ރާއްޖޭގައި ވެސް އެކަން ކޮންމެ އަހަރަކު އިންޑިއާގެ އެމްބަސީން އަންނަނީ ފާހަގަކުރަމުންނެވެ.
ނަމަވެސް، 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި، ހަމަނުޖެހުން ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން 18 މީހެއްގެ މައްޗަށް މިދިޔަ ސަރުކާރުގައި ދައުވާ އުފުލިއިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭގެ ތެރެއިން ގިނަ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލި ދައުވާތައް ހިމެނެ އެވެ.