20 ޖޫން 2025 - 21:41

ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީ އަށް ސޮއިކުރައްވުމުގެ ހާއްސަ ޖަލްސާ އަށް ސަރުކާރުން ސަލްޓަންޕާކު ހަމަޖައްސައިދީފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން ސިޓީ ކައުންސިލުން އެ ތަން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެއްވެސް ބަޔަކަށް އެ ތަން ކުއްޔަށް ދީފައިނުވާ ކަމަށާއި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު، އެމްޑީޕީން އެދިގެން އެ ޕާޓީގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޫކުރަން މިހާރު ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މުއްތަލިބު ވިދާޅުވި އެވެ.
"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެ އިން ތަނެއް ހަމަނުޖެހިގެން އެ ތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓު ބާއްވާ ތަން އެ ޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމައިފަ އެވެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަ ގަކުރުމާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށެވެ.
އޭގެ ފަހުން އެ ކަމަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ރޭ ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އެއާއެކު، ހީނާ ދެއްކެވީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވުމަށް މި ސަރުކާރުން ފަހުން ކަނޑައެޅި ތަންތަނެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މީގެ ކުރިން އެއްވުން ބޭއްވެނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މިދިޔަ މެއި މަހުން ފެށިގެން ހޯމް މިނިސްޓްރީން ވަނީ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނު ސަރަހައްދާއި މާލޭގެ ހުޅަނގު ދެކުނުން ހިއްކި ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖު އަދި އުސްފަސްގަނޑެވެ.
އެމްޑީޕީގެ އަހަރީ ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށް ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަން އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ،