19 ޖޫން 2025 - 15:49

އަންނަ ހަފުތާގައި އެފްއޭއެމުން ބާއްވާ ކޮންގްރެސް އަށް ފަހު އެ އެސޯސިއޭޝަނުގެ އިންތިހާބުގެ މަސައްކަތް ފަށާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ.
އެ ކޮންގްރެސްގައި އޮތް އެންމެ މުހިންމު އެޖެންޑާއަކީ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ ބަދަލުތައް ފާސްކުރުމެވެ.
އެ އެސޯސިއޭޝަނުން މިއަދު ބުނީ އެ ކޮންގްރެސް އަށް ފަހު ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއީ އެފްއޭއެމްގެ އާ އިންތިހާބު އިއުލާންކޮށް އެކްސްކޯ އިންތިހާބު ކުރުމެވެ. އިންތިހާބު ބާއްވާނެ ތާރީހު ވެސް އެ ކޮންގްރެސްގައި ކަނޑައަޅާނެ އެވެ.
"މި ކޮންގްރެސްއާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ފެށިގެންދާނެ އެވެ.،" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"އަދި އާ ހިންގާ ކޮމިޓީ ހޮވުމަށްޓަކައި އިންތިހާބު ބާއްވައި، ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ޖުލައި 2025 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮމިޓީން ލަފާ ކުރާ ކަމުގައި ދަންނަވަމެވެ."
ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އެ އިދާރާއިން ދިން އެއް އަހަރުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
- 2023 އަދި 2024 ގެ އަހަރީ ރިޕޯޓް ފާސް ކުރުން
- 2023 އަދި 2024 ގެ އޮޑިޓް ރިޕޯޓް ހުށަހެޅުން
- މި އަހަރުގެ ބަޖެޓް ފާސް ކުރުން
- 2025 އިން 2028 އަށް އޮޑިޓްކުރާނެ އޮޑިޓަރުން އައްޔަން ކުރުން
- ހިންގާ ގަވާއިދު ފާސް ކުރުން
- އިލްކްޓޯރަލް ކޯޑް ފާސް ކުރުން
- އާ އިންތިހާބު ބާއްވާނެ ތާރީހް ކަނޑައެޅުން