19 ޖޫން 2025 - 11:27

އިރާނުން އިޒްރޭލަށް އަމާޒުކޮށް މިއަދު ފޮނުވާލި މި ސައިލް ހަމަލާއެއް އިޒްރޭލްގެ ހޮސްޕިޓަލަކަށް އަމާޒު ވެއްޖެ އެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ ހޮސްޕިޓަލަށް އަމާޒުކޮށް އިރާނުން ދިނީ ބެލަސްޓިކް މިސައިލް ހަމަލާއެއް ކަމަށެވެ.
އިޒްރޭލްގެ ދެކުނުގެ ސިޓީ ބީރްޝެބާގައި ހުންނަ ސޮރޮކާ ހޮސްޕިޓަލަށް މިސައިލް އަމާޒުވީ، އިރާނުން ބުނާ ގޮތުގައި އެ ހޮސްޕިޓަލް ކައިރީގައި ހުންނަ އިޒްރޭލްގެ އަސްކަރިއްޔާގެ ޖާސޫސީ މަރުކަޒަށް އަމާޒުކޮށް ހަމަލާ ފޮނުވާލުމުންނެވެ.
އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އިރްނާ) އިން ބުނިގޮތުގައި، އެ ގައުމުގެ އަސްކަރިއްޔާ ހަމަލާ ފޮނުވައިލި މައި ޓާގެޓަކީ އައިޑީއެފްގެ ޖާސޫސީ ކޮމާންޑް ހުންނަ މަރުކަޒު ކަމަށެވެ.
"މިއަދު ހެނދުނު ދިން ހަމަލާގެ މައި އަމާޒަކީ އިޒްރޭލްގެ އަސްކަރިއްޔާގެ ކޮމާންޑް އަދި ޖާސޫސީ އިދާރާގެ މައި މަރުކަޒު 'އައިޑީއެފް-ސީއައި' އަދި 'ގަވް-ޔަމް ޓެކޮނޮލޮޖީ ޕާކް'ގައި ހުންނަ އަސްކަރީ ޖާސޫސީ ކޭމްޕް،" އިރްނާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކުރި އެވެ.
އިރްނާއިން ބުނީ އަސްކަރީ އެ ފެސިލިޓީ ހުންނަނީ ސޮރަކޯ ހޮސްޕިޓަލް ކައިރިގައި ކަމަށެވެ.
"އެ އަސްކަރީ އިންފްރާސްޓްރަކްޗާއަކީ އަދި ސީދާ އަމާޒު ކުރި ޓާގެޓް،" އިރްނާ އިން ބުންޏެވެ.
އިޒްރޭލުގެ ހޮސްޕިޓަލަށް ލިބުނީ "ކުޑަ ގެއްލުމެއް" ކަމަށް އިރްނާ އިން ބުންޏެވެ. އެކަމަކު އެ ހަމަލާގާއި އިޒްރޭލްގެ 26 މީހަކަށް އެކިވަރުގެ އަނިޔާތައް ވި އެވެ.