21 މާޗް 2017 - 06:04

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ހެއްވާ މަޖާ "މުންނާބާއީ" ފްރެންޗައިސްގެ ތިން ވަނަ ފިލްމު އުފައްދާކަން ހިރާނީ ވަނީ އިއުލާން ކޮށްފަ އެވެ. އެއާ އެކު ފިލްމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ވަރަށް ގިނަ އެކްޓަރުން އަންނަނީ ފާޅުކުރަމުންނެވެ.
މި ސިލްސިލާގެ ކުރީގެ ދެ ފިލްމުގައި ވަރަށް މުހިއްމު ރޯލުތަކެއް ކުޅެފައިވާ ބަމަން އިރާނީ ވެސް ކޮންމެހެން ވެސް "މުންނާބާއީ 3" ގައި ބައިވެރިވާން ބޭނުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބަމަން ބުނި ގޮތުގައި ހިރާނީ އޭނާއަށް އަލަށް ފަށާ "މުންނާބާއީ" ފިލްމުން ރޯލެއް ނުދޭހާ ހިނދަކު އޭނާ ފަހަތުން ނައްޓާވެސް ނުލާނެ އެވެ.
ބަމަން، 57، ފިލްމީ ދުނިޔެއަށް ވަނީ ވެސް ހިރާނީ އުފެއްދި "މުންނާބާއީ އެމްބީބީއެސް" އިންނެވެ. އޭގެ ފަހުން އެ ސިލްސިލާގެ ދެވަނަ ފިލްމު "ލަގޭ ރަހޯ މުންނާބާއީ" ގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އަދި ހިރާނީ ފަހުން އުފެއްދި "3 އީޑިއަޓްސް" އާއި "ޕީކޭ" ގައި ވެސް އޭނާ ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ. އެހެންކަމުން ހިރާނީ "މުންނާބާއީ"ގެ ތިން ވަނަ ބައި އުފައްދާކަން އިއުލާން ކުރުމުން ބަމަން އެ ފިލްމަށް ޝައުގުވެރިވީ އެވެ.
"އަހަރެން މިހިރީ އެ ފިލްމަށް ވަރަށް އުންމީދުކޮށްގެން. ސާކިޓް އާއި މުންނާ އަކީ އާ ފިލްމުގެ ވެސް އޮޓޮމެޓިކް ޗޮއިސް އަކަށް ވާނީ. ނަމަވެސް އަހަންނަކަށް އޮޓަމެޓިކަކުން ރޯލެއް ނުލިބޭނެ. ސަބަބަކީ އެ ފިލްމުގެ ތިން ވަނަ ކެރެކްޓާ އަކީ އަބަދުވެސް މުޅީން އާ ކެރެކްޓާއަކަށް ވާން ޖެހޭތީ. އަހަންނަށް ޔަގީނުން ވެސް އެ ފިލްމުން ކޮންމެވެސް ކެރެކްޓާއެއް ކުޅެން ލިބެން ޖެހޭނެ. ހިރާނީ އަށް ބިރު ދައްކައިގެން ވެސް އަހަރެން ރޯލެއް ލިބޭތޯ މަސައްކަތް ކުރާނަން،" ސަމާސާ ކުރަމުން ބަމަން ބުންޏެވެ.
މިވަގުތު ހިރާނީ އުޅެނީ ސަންޖޭ ދަތު ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތުގައި ވަރަށް ބުރަކޮށެވެ. "މުންނާބާއީ" އާ ދޭތެރޭ އޭނާ ވިސްނާނީ ސަންޖޭ ދަތު ބައޮޕިކް ނިންމާލުމަށްފަހުގަ އެވެ.
"މުންނާބާއީ"ގެ ފުރަތަމަ ފިލްމުގައި ބަމަން ކުޅެފައިވަނީ ޑރ. އާސްތާނާ ކިޔާ މީހެއްގެ ބަ އެވެ. ދެ ވަނަ ބައިގައި އަޑި ނޭނގޭ ވިޔަފާރިވެރިއެއް ކަމަށްވާ ލަކީ ސިންގްގެ ރޯލެވެ.