19 ޖޫން 2025 - 11:46

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓިން ވަކިވެ، އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ޓީވީ"އަށް މިދިޔަ އަހަރުގެ ޖޫން މަހު ދެއްވި އިންޓަވިއުގެ ތަންކޮޅަކާ އެކު، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި އާއްމުންގެ މަސްލަހަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީ އިން މިދިޔަ ހޯމަ ދުވަހު ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށް ބުނެ ގަރާރެއް ފާސްކޮށްފަ އެވެ.
އެހެންވެ، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް ނަޝީދާ އެކު، އެ ޕާޓީގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމައިފަ އެވެ.
ނަމަވެސް، އިބޫގެ ޕޯސްޓުގައި ނަޝީދުގެ ނަމެއް ވިދާޅުވެއް ނުވެ އެވެ. އެއާއެކު، ދެން އޮތީ ދިމާވާ ހުރަސްތަކުން ފަހަތަށް ނުޖެހުމާ ގުޅޭ ޅެން ބައިތެކެވެ.
"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.
ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،" ޕޯސްޓުގައިވެ އެވެ.
ރާއްޖެ ޓީވީ އަށް ކުރިން ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ އެމްޑީޕީއަކީ އެންމެން އެކުވެގެން އުފައްދާފައިވާ އެންމެންގެ ޕާޓީއަކަށް ވާތީ އެކުގައި ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"..އޭރު ހުރި މައްސަލަތައް، އެ ކަންތައް ކުރެވޭނެ އަދި އަޅުގަނޑާ ދޭތެރޭ މައްސަލައަކަށް ވިއަސް އެކަން އެއް ފަޅީގައި ބާއްވާފައި ގައުމަށާއި އަދި އަޅުގަނޑުމެން މި ކުރި މަސައްކަތް ނިމުމަކަށް ނުދޭ އަޅުގަނޑުމެން އެ ދުވަހު ކުރި މަސައްކަތް، އެމްޑީޕީގެ މަސައްކަތް،" އިބޫ ވިދާޅުވި އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް ވަނީ މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ނަޝީދު ނިންމެވިއިރު ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވި އެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައިވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.