18 ޖޫން 2025 - 23:59

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
އޭނާގެ އެ މަރުހަބާ އައީ ނަޝީދާއި ޑިމޮކްރެޓްސްގެ އެހެން މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު "އެކްސް" ގަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުން ވެސް ވަނީ ނަޝީދާއި ޑިމޮކްރެޓްސް އަށް މަރުހަބާ ކިޔައިފަ އެވެ.
ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖެ އަށް ޑިމޮކްރެސީ ތައާރަފު ކުރުމާ އެކު، އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު އަދި ރާއްޖޭގެ އެންމެ ދޮށީ ޕާޓީ ކަމަށެވެ. އެހެންވެ، ރާއްޖެ ހަމަ މަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އަޅުވަނީ އެމްޑީޕީގެ މެމްބަރުންގެ ހިތްވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާ އަށް ފާރަވެރިވާން ޖެހ މިފަދަ ވަގުތެއްގައި ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މި ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެކެވެ،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު އެ ޕާޓީން ނެރުނު ބަޔާނުގައި ވެސް ވަނީ ނަޝީދާއި ޑިމޮކްރެޓްސް އަށް މަރުހަބާ ކިޔައިފަ އެވެ.
އެ ބަޔާނުގައި ބުނީ، އެމްޑީޕީއަކީ ގައުމަށްޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ.
"ރައީސް ނަޝީދު އާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު މި ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ އެވެ،" އެމްޑީޕީން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ބުނީ ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަގުތެއް ކަމަށެވެ. އެ ޕާޓީއާ ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސްނުޖެހޭނެ މެމްބަރުން ކަމަށް އެމްޑީޕީން ބުންޏެވެެ.
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސް އިން ފާސްކުރީ އިއްޔެ ބޭއްވި ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގަ އެވެ.
އެ ގަރާރުގައި ބުނީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ. އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައި ވެ އެވެ.
އިއްޔެ ބައްދަލުވުމުގައި 46 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު އެމްޑީޕީއާ ގުޅެން ދެކޮޅު ހެއްދެވީ ޑިމޮކްރެޓްސްގެ ހައެއްކަ މެމްބަރުންނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އަދި އެމްޑީޕީގެ ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޖުލައި 12، 2023 ގައި އުފެއްދި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ފާސްކުރިއިރު ނަޝީދު ވަނީ މިދިޔަ އާދިއްތަދު ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފަ އެވެ.
އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ވެސް ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްވައި އެ ޕާޓީން ވެސް އިންތިހާބަށް ނުކުތުމެވެ.
ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ނަޝީދު ސޮއިކުރެއްވީ ވެސް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.
"އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ނަޝީދު އެމްޑީޕީ އަށް ދެއްވި އިންޒާރުގެ ވާހަކަފުޅުގައި ވިދާޅުވެފައި ވެ އެވެ.