21 މާޗް 2017 - 06:05

އެސް.އެސް ރާޖްމޯލީގެ "ބަހޫބަލީ"ގެ ދެ ވަނަ ބައި "ބާހޫބަލީ 2" ގެ ފުރަތަމަ ޓްރެއިލާއާ އެކު ވެސް މި ފިލްމުން ބޮކްސް އޮފީހުގައި ކުރިމަތިކުރާނެ ވަރުގަދަ ތޫފާން ސިފަވާ ކަހަލަ އެވެ. ޓްރެއިލާ ރިލީޒްކުރިތާ ހަތަރު ދުވަހުގެ ތެރޭގައި 85 މިލިއަން ފަހަރު ޔޫޓިއުބުން ބަލާފައިވެ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ.
މިއީ މިހާތަނަށް ޔޫޓިއުބުގައި ރިލީޒްކުރި އިންޑިއާގެ ޓްރެއިލާއަކަށް ލިބުނު އެންމެ ގިނަ ލައިކްސް އެވެ. އަދި އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ފަހަރަށް ބެލި އިންޑިއާގެ ޓްރެއިލާގެ ރެކޯޑް ވެސް ވަނީ ގާއިމް ކުރެވިފަ އެވެ.
"ބަހޫބަލީ – ދަ ކޮންކްލޫޝަން" އަކީ ކުރީގެ ފިލްމުގެ ނުނިމިއޮތް ބައެވެ. އެހެންކަމުން އެ ފިލްމު ބެލި އެންމެން ވެސް ނިމޭ ބައި ބަލާނެކަން ޔަގީންވެ އެވެ. "ބަހޫބަލީ" އަކީވެސް ހުރިހާ ރެކޯޑްތަކެއް މުގުރި ފިލްމަކަށް ވާއިރު މިފަހަރު މުޅިން އާ ރެކޯޑްތަކެއް ގާއިމުކުރާނެ ކަމަށް ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން މިހާރު ވެސް ދަނީ ބުނަމުންނެވެ.
މީގެ އަހަރުތަކެއް ކުރިން ރިލީޒްކުރި ފުރަތަމަ ބަޔަށް މުޅި ދުނިޔޭން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ސައުތު އިންޑިއާގެ އެންމެ މަޝްހޫރު ބަތަލުން ކަމަށްވާ ޕްރާބާސް އާއި ރާނާ ދަގުބަތީގެ މި ވަރުގަދަ ހަނގުރާމަ ބަލާލަން އިންޑިއާ މީހުން ތިބީ ކެތްތެރި މަދުވެފަ އެވެ. ހިންދީ، ތަމަޅަ، އަދި ޓެލުގޫ އަދި މަލަޔާލަމް ބަހުން އުފައްދާ މި ފިލްމުގެ ޓްރެއިލާ ވެސް މި ހަތަރު ބަހުން ރިލީޒްކޮށްފައިވެ އެވެ. އަދި ޖުމްލަކޮށް މި ހުރިހާ ޓްރެއިލާއަކަށް 85 މިލިއަން ވިއުޒް ލިބިފައިވެ އެވެ.
މި ފިލްމުގެ ހިންދީ ވާޝަން ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އިންނެވެ.
އަންނަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބަހޫބަލީ: ދަ ކޮންކްލޫޝަން" ގައި ބަތަލާގެ ބައި ކުޅެނީ ތަމަންނާ ބާޓިއާ އާއި ރާމްޔާ ކްރިޝްނަން އަދި އަނުޝްކާ ޝެޓީ އެވެ. ނާސިރް އާއި ސަތުޔަރާޖް ވެސް ފިލްމުގައި މުހިއްމު ރޯލުތައް ކުޅެ އެވެ.
މި ފިލްމު ސްކްރީންތަކުގައި ރިލީޒްކުރުމުގެ އެއް ދުވަސް ކުރިން އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު ބައްލަވާލެއްވުމަށް އެކަމަނާގެ ގަނޑުވަރުގައި ޚާއްސަ ސްކްރީނިންއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.