18 ޖޫން 2025 - 22:36

އިރާނުން އަމާން ނުދޭނެ ކަމަށާއި ހަމައެކަނި އެންމެ ފަރާތަކުން ބޭނުންވާ ގޮތަކަށް ގަދަބަދަވިކަން ދައްކައިގެން ގެންނަ ސުލްހައެއް ވެސް ބަލައި ނުގަންނާނެ ކަމަށް އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއި މިއަދު ވިދާޅުވެއްޖެ އެވެ.
އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ހިތާބެއްގައި ހާމަނާއީ ވިދާޅުވީ ހަނގުރާމައެއްގެ ތެރެއަށް އިރާން ގަދަކަމުން ވެއްދީ އިޒްރޭލުން ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެން ދިޔައީ، މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދިނުމުންނެވެ.
"ޒަޔަނިސްޓް ވެރިކަމުން ކުރި ކުށަށް ހައްގު އަދަބު ލިބޭނެ،" އިޒްރޭލަށް އިންޒާރު ދެއްވަމުން ހާމަނާއީ ވިދާޅުވި އެވެ.
އިރާނުގެ އެންމެ އިސް ލީޑަރު ހާމަނާއިގެ ވަރުގަދަ އިންޒާރެއް މި އައީ އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާ އަށް ހޯދިއްޖެ ކަމަށާއި ޝަރުތަކާ ނުލައި އިރާނުން އަމާން ދޭން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ޓްރަމްޕްގެ އެ ވާހަކަ އަށް ރައްދު ދެއްވަމުން ހާމަނާއީ ވިދާޅުވި ގޮތުގައި އިރާނުގެ ރައްޔިތުންނަކީ އަނިޔާވެރިންގެ ކުރިމަތީގައި އަމާން ދޭނެ ބައެއް ނޫނެވެ.
"އިރާނު ރައްޔިތުންގެ މައްޗަށް މަޖުބޫރު ކޮށްގެން ކުރުވާ ކޮންމެ ހަނގުރާމައަކާ ދެކޮޅު ހަދާ ފަދައިން ގަދަބަދަވިކަން ދައްކައިގެން ގެންނަ ސުލްހައާ ދެކޮޅު ވެސް ހަދާނެ. އަނިޔާވެރިންގެ ކުރިމަތީގައި އިރާނުގެ ރައްޔިތުން އަމާނެއް ނުދޭނެ،" ހާމަނާއީ ވިދާޅުވި އެވެ.
ހާމަނާއީ އެ ދެއްވީ ގަދަކަމުން އިރާން ކިޔަމަންތެރި ނުކުރުވޭނެ ކަމުގެ އިޝާރާތެކެވެ.
އޭނާ ވިދާޅުވީ އިރާނުގެ ތާރީހު ރަނގަޅަށް އެނގޭ ބަޔަކަށް، އެއީ ހަރުކަށި އިންޒާރުތަކަށް ބޯލަނބާނެ ގައުމެއް ނޫން ކަން އެނގޭނެ ކަމަށެވެ.
"އިރާނާއި މި ގައުމުގެ ރައްޔިތުންނާއި މި ގައުމުގެ ދިގު ތާރީހު ވިސްނޭ ހިކުމަތްތެރިކަން ހުރި މީހުންނަށް އެނގޭނެ އިރާނަކީ ދުވަހަކު ވެސް މި ގައުމަށް ނިސްބަތްކޮށް ހަރުކަށި އިންޒާރުގެ ބަސްމަގަކުން ވާހަކަ ދައްކައިގެން ގަދަކަމުން ބޯގުދު ކުރެވޭނެ ބައެއް ނޫންކަން،" ހާމަނާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިރާނުގެ ޝަހީދުންގެ ގުރުބާނީ ހަނދާނުން ފޮހެނުލާނެ އެވެ.
"އަހަރެމެންގެ ޝަހީދުގެ ގައިން އޮހޮރުނު ލެ އާއި އެ ގުރުބާނީ އަހަރެމެން ދޫކޮށެއް ނުލާނަން. އަދި އަހަރެމެންގެ ވައިގެ ސަރަހައްދު ބޭނުންކޮށް، ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަހަރެމެން ހިމޭނުން ވެސް ނުތިބޭނަން،" ހާމަނާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާ އިން ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ އިރާނަށް ހަމަލާ ދީފި ނަމަ އެ ގައުމާ ދެކޮޅަށް ވެސް އިރާނުން ހަމަލާ ދޭނެ ކަމަށެވެ.