18 ޖޫން 2025 - 19:25

މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހިން ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ފުރުސަތު ރާއްޖޭގެ ޑޮކްޓަރުންނަށް ލިބިފައިވާކަން އެކަމަނާ ހާމަކުރެއްވީ ދުބާއީގައި ބޭއްވި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދާ" ކެމްޕެއިނުގެ އެމްބެސެޑަރަކަށް ރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ ހަމަޖެއްސެވުމުން އެކަމަށް ޝުކުރު އަދާކުރައްވައި، އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދަރިމައިވުމާ ގުޅޭ ޓްރެއިނިން ސްކޮލާޝިޕްތަކެއް ދިވެހިން ޑޮކްޓަރުންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ދަތިކަން ރާއްޖޭގައި އެބަ އޮތެވެ.
އެ ސަމިޓުގައި، ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ފަސްޓް ލޭޑީ ވަނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.
މީގެ އިތުރުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި ހިދުމަތްތައް ރަނގަޅު ކުރުމުގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑާޝިޕަށް އެހީތެރިވުމާ ގުޅޭ ގޮތުން ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވަނީ މީގެ ކުރިން އެ ފައުންޑޭޝަނާ ގުޅިގެން ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި ޖިންސީ ތަފާތުކުރުންތަކާ ގުޅޭ އަނިޔާ އާއި އަންހެނުން ބާރުވެރިކުރުވުމާއި ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.