18 ޖޫން 2025 - 15:58

އިރާނުން ދޭން ފެށި ރައްދު ހަމަލާތަކާއެކު އިޒްރޭލްގެ ތާރީހުގައި ވެސް މިހާ އުނދަގޫ ދުވަސްވަރެއް އިޒްރޭލްގެ އާންމުންނަށް ކުރިމަތިނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އިސްވެ ދޭން ފެށި ހަމަލާތަކުގައި އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރީ ރޭގަ އެވެ.

އިޒްރޭލުން ބުނީ އިރާނުގެ ހަތިޔާރު އުފައްދާ ފެކްޓަރީއަކާއި ޔޫރޭނިމް ފައްކާކުރަން ބޭނުންވާ މާއްދާއެއް އުފައްދާ ފެކްޓަރީއަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އެކަމަކު އެކަމާ ބެހޭގޮތުން އިރާނުން ވަކި އެއްޗެއް ނުބުނެ އެވެ.
ރައްދުގައި، އިޒްރޭލުން ހަމަލާ ދޭން ބޭނުންކުރި 14 ޑްރޯން އާއި ފައިޓާ ޖެޓެއް ވައްޓާލާފައިވާ ކަމަށް އިރާނުން ބުނެ އެވެ. ޕައިލެޓަކާ ނުލައި ދަތުރުކުރާ ބައެއް ޑޮރޯންތައް އިރާނުން ހަމަލާތަކުގެ ސަބަބުން ވެއްޓުނު ކަމަށް އެއްބަސްވިޔަސް، ފައިޓާ ޖެޓެއް ވައްޓާނުލެވޭ ކަމަށް އިޒްރޭލްގެ ސަރުކާރާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.
އިރާނުން ވެސް އިޒްރޭލްގެ ހައިފާ އާއި ތެލްއަވީވަށް ދެމުންދާ ހަމަލާތައް ރޭ ވަރުގަދަކުރި އެވެ.
އިރާނުން ރޭ ދިން ހަމަލާތަކުގައި އިޒްރޭލްގެ 90 އަށް ވުރެ ގިނަ މީހުން ޒަހަމްވެގެން ހޮސްޕިޓަލްތަކުން ފަރުވާ ހޯދިކަމަށް އަލްޖަޒީރާއިން ބުންޏެވެ.
އެ ނެޓްވޯކުން ބުނީ ހަމަނުޖެހުންތައް ފެށިފަހުން ފާއިތުވެ ދިޔަ ހަ ދުވަހަކީ އިޒްރޭލްގެ އާންމުންނަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތައް ކަމަށެވެ.
"ފާއިތުވި ހަ ދުވަހުގެ ތެރޭގައި އިޒްރޭލްގެ އާންމުންނަށް ކުރިމަތިވެފައި ވަނީ މީގެ ކުރިން އެމީހުން ތަޖުރިބާކޮށްފައި ނެތް ހާލަތެއް،" އަލްޖަޒީރާގެ ލައިވް ކަވަރޭޖްގައި ބުނެފައި ވެއެވެ.
އެނަލިސްޓުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި އެއީ ސިސްޓަމެޓިކްކޮށް ގައުމެއްގެ އަސްކަރިއްޔާއަކުން އިޒްރޭލްގެ ސިޓީތަކާއި ނާޒުކު ތަންތަނަށް ބެލިސްޓިކް މިސައިލުން ހަމަލާ ދޭން ފެށުމުން އާންމުންނަށް ކުރިމަތިވި ބިރުވެރި ކަމެކެވެ.
އެ ނެޓްވޯކުން ބުނީ މީގެ ކުރިން އިޒްރޭލަށް ހަމަލާ ދެނީ ހަމާސް އާއި ހިޒްބުﷲ ފަދަ ގުރޫޕްތަކަކުން ކަމަށް ވުމުން އޭގެ އަސަރު އާންމުންނަށް ކުރާ މިންވަރު ކުޑަ ކަމަށެވެ.
"މިއީ ސަރުކާރެއްގެ ބެލުމުގެ ދަށުން ހިންގާ އަސްކަރިއްޔާއަކުން ހަމަލާ ދޭން ފެށި ފަހުން އިޒްރޭލްގެ އާންމުންނަށް ކުރިމަތިވި ހާލަތެއް،" އަލްޖަޒީރާއިން ބުންޏެވެ.
އިޒްރޭލްގެ 1،200 އެއްހާ މީހުން އަމިއްލަ ގެދޮރުން ނުކުމެ ހޮޓާތަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އާންމުންނަކަށް އިހްސާސެއް ނުކުރެވޭ ގެތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ދިރިއުޅުން ރައްކާތެރި ކަމަކަށް،" އަލްޒަޒީރާއިން ބުންޏެވެ.
އިރާނުގެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލްގެ 24 މީހުން ވަނީ މަރުވެފަ އެވެ.