18 ޖޫން 2025 - 12:33

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޑިމޮކްރެޓްސް އިން އިއްޔެ ފާސްކުރި ގަރާރާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެ ކަމަކު، އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކާ ގުޅޭ ތަފުސީލްތަކެއް އަދި ނުލިބެ އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ނިންމުމާ ގުޅޭ މައުލޫމާތު އެމްޑީޕީގެ މެމްބަރުންނަށް ދީ، އެ ބޭފުޅުންގެ ހިޔާލު ބައެއް ކަންކަމުގައި ހޯދާނެ ކަމަށް އެނގިފައި ވެ އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީ އިން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައި ވެ އެވެ.
އެ ބައްދަލުވުމުގައި 46 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު އެމްޑީޕީއާ ގުޅެން ދެކޮޅު ހެއްދެވީ ހައެއްކަ މެމްބަރުންނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް ވަނީ މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވުމުގެ ކުރިން ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފަ އެވެ.
ފައްޔާޒު ވިދާޅުވީ، ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރައްވާފައިވާ ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ވެސް ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްވައި އެ ޕާޓީން ވެސް އިންތިހާބަށް ނުކުތުމެވެ.
ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވީ ވެސް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.