18 ޖޫން 2025 - 11:45

ސްރީ ލަންކާގައި މަތީ ތައުލީމުދޭ ބައެއް ކޮލެޖް/ޔުނިވާސިޓީތައް ސަސްޕެންްޑްކޮށްފައިވާތީ އެތަންތަނުގައި، ކިޔެވުން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެ އެވެ.
އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލަންކާއަށް ކިޔަވަންދާ ދަރިވަރުން ސަމާލުވާން އިލްތިމާސްކުރައްވައި އެމްކިޔުއޭގެ ބަޔާނެއް ހިއްސާކުރައްވައިފަ އެވެ.
އެ ބަޔާނުގައި ބުނީ ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.
އެ ތަންތަނުގައި ކިޔަވަމުން އަންނަ ދަރިވަރުން ވީ އެންމެ އަވަހަކަށް އެ އޮތޯރިޓީއަށް އީމެއިލް ([email protected]) މެދުވެރިކޮށް އަންގަން ވަނީ އެދިފަ އެވެ. އަދި އެ ތަންތަނުގައި ކިޔެވުން ނުފެށުމަށް ވެސް އެ އެމްކިޔުއޭ އިން ވަނީ އެދިފަ އެވެ.
އެމްކިޔުއޭ އިން އިއްޔެ ވަނީ، ކިޔަވަން ބޭރަށް ދާ ބައެއް ދަރިވަރުން އެމްކިއުއޭގެ މުހިއްމު އެއް ލިޔުން ކަމުގައިވާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާ ކަން ފާހަގަކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ އެ ލިޔެކިޔުން ނުހޯދުމުގެ ސަބަބުން، ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން ކިޔެވި މަރުކަޒަކީ އެމްކިއުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން އުސޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭ ކަމަށެވެ.
"މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްކިއުއޭ އިން ގަބޫލުކުރާ މަރުކަޒެއް ކަމާއި، އެ ކިޔަވާ ޕްރޮގްރާމަކީ އެމްއެންކިއުއޭ އަށް ފެތޭ ޕްރޮގްރާމެއް ކަން ބެލުމާއި މީގެ އިތުރުން، އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ގަބޫލުކުރާ މަރުކަޒެއްކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީކޮށްފައިވާ ކަން ކަށަވަރު ކުރުމެވެ،" އެމްކިޔުއޭ އިން ބުންޏެވެ.
އެކަން ކަށަވަރުނުކޮށް ސަނަދެއް ހާސިލްކޮށް، ވެލިޑޭޓް ކުރުމަށް އެމްކިއުއޭ އަށް ހުށަހެޅި ނަމަވެސް އެ ކިޔެވި މަރުކަޒަކީ އެމްކިއުއޭ އިން ގަބޫލުކުރާ މަރުކަޒަކަށް ނުވާނަމަ އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްކިޔުއޭ އިން ނުނަގާނެ ކަމަށް ވެސް ބުންޏެވެ.