ގުރުއާން ކްލާހާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ވިލިމާލޭގައި މިސްކިތެއް އަޅަނީ
ގުރުއާން ކްލާހާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ވިލިމާލޭގައި މިސްކިތެއް އަޅަނީ

ވިލިމާލޭގައި މަސްޖިދުއްސަލާމް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މިސްކިތް ބިނާކުރަން ހެޔޮ އެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ ދެ އަހަރު ތެރޭ ނިންމާ ގޮތަށް ހަވާލުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ މިސްކިތް އަޅަން ނިންމާފައި ވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެންނެވެ.

މިސްކިތް އަޅަން ހަވާލުކުރަން ނިންމާފައިވީ ނަމަވެސް އެކަމަށް ދަނީ ކިހާ ހަރަދެއް ކަމެއް އަދި ނުބުނެ އެވެ.

ވިލިމާލޭގައި މަސްޖިދުއްސަލާމްގެ އިތުރުން ވެސް ދެ މިސްކިތް ހުރެ އެވެ. އެއީ މަސްޖިދުލް އިހުލާސް އާއި މަސްޖިދުލް ބިއްރީ އެވެ.