17 ޖޫން 2025 - 20:26

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަހެއް ހޯދަން އޭނާގެ އާއިލާ އިން އެއްބާރުލުން ނުދިން ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ޔުމްނުގެ ބަޔާން ނަގަން ފުލުހުންނަށް ވެސް މިހާތަނަށް ފުރުސަތު ލިބިފައިނުވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނީ ޔުމްނުގެ ބަޔާން ހޯދަން އޭނާގެ އާއިލާއަށް ގުޅުމުން ފޯނު ކަނޑާލި ކަމަށެވެ. އަދި އޭގެފަހުން ޔުމްނުގެ ޅިއަނެއް ކަމަށްވާ މުހައްމަދު މުއުމިން ކޮމިޝަނަށް ގުޅައި ޔުމްނުގެ މަންމައަށް ނުގުޅުމަށާއި އާއިލާއިން ކޮމިޝަނާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ޔުމްނުގެ ފަރާތުން މައުލޫމާތު ސާފުކުރަން ބޭނުންވާތީ، ކޮމިޝަންގެ މެންބަރަކު މެލޭޝިއާއަށް ގޮސްގެން ނޫނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ފުރުސަތު ހަމަޖައްސައިދޭން އެދި އާއިލާގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް، އެ ސިޓީއަށް އާއިލާއިން ޖަވާބެއް ނުދިން ކަމަށް ކޮމިޝަނުން ބުންޏެވެ.
އޭގެފަހުން ވެސް އާއިލާގެ އެކި މެންބަރުންނަށް ގުޅައިގެން ކުރި މަސައްކަތުން ވެސް ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބޭނެ ގޮތެއް ހަމަނުޖެހުނު ކަމަށް ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައި ބުނީ ޔުމްނުއަށް އިންސާފު ހޯދުމަށް އާއިލާއިން އެދޭއިރު، އިންސާފު ހޯދަން ޔުމްނުގެ ބަހެއް އޮތީ މުހިންމުވެފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ބަހެއް ނުލިބި ކޮމިޝަނުގެ ރިޕޯޓް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށެވެ.
ނަމަވެސް، ކޮމިޝަނުން ކުރި ތަހުގީގުން ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، ޔުމްނުގެ ބަހެއް ނުލިބުމަކީ ތަހުގީގުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި ކޮމިޝަނުން ކުރި ތަހުގީގުން ހޯދަން ޖެހުނު ހަގީގަތް އުނިކަމެއް ނެތި ހޯދުނު ކަމަށާއި ތަހުގީގުގެ މަގުސަދު ފުރިހަމައަށް ހާސިލުކުރެވުނު ކަމަށް ކޮމިޝަނުން ބުންޏެވެ.
ތަހުގީގަށް ފަހު ކޮމިޝަނުން ބުނެފައިވަނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ. ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި، އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.