17 ޖޫން 2025 - 16:03

އިރާނުގެ އަސްކަރިއްޔާ އަށް އަލަށް ހަމަޖެއްސި ކޮމާންޑަރު އަލީ ޝަދާމަނީ ވެސް އިޒްރޭލުން އަވަހާރަ ކޮށްލައިފި އެވެ.
އަލީ ޝަދާމަނީ މަގާމަށް ހަމަޖެއްސީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އިޒްރޭލުން އޭނާ އަވާހާރަކޮށްލީ ރޭ ދިން މިސައިލް ހަމަލާތަކުގައި ކަމަށް އޭއެފްޕީން ބުންޏެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ ޝަދާމަނީ އަކީ އިރާނުގެ އެންމެ އިސް ލީޑާރު އާޔަތުﷲ އަލީ ހާމަނާއީގެ އެންމެ އަރިސް އެއް އޮފިޝަލް ކަމަށާއި ޝަދާމަނީ އަވާހަރަކޮށްލީ ރޭ "ކުއްލިއަކަށް ފަހިވި ފުރުސަތެއްގައި" ކަމަށެވެ.
އިޒްރޭލުން ބުނިގޮތުގައި، ޝަދާމަނީއަކީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑަށާއި އިރާނުގެ އަސްކަރިއްޔާ އަށް އަމުރު ކުރުމުގެ ހައިސިއްޔަތު އޮންނަ އިސް އޮފިޝަލް ވެސް މެ އެވެ.
އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި އިޒްރޭލްގެ އަސްކަރިއްޔާ އިން ވަނީ އިރާނުގެ އަސްކަރީ އެންމެ އިސް ތިން ކޮމާންޑަރަކު މިހާތަނަށް އަވަހާރަ ކޮށްލައިފަ އެވެ.
ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ހުސައިން ސަލާމީ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވެސް މިހާރު ވަނީ ސިލްސިލާކޮށް ދެމުންގެންދާ ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ.