14 ޖޫން 2016 - 14:11

ނިއު ދިއްލީ (ޖޫން 14) - ފްރިޖަކާ ގުޅޭ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެވިދާނެތޯ ބެލުމަށް ޓްވީޓް މެދުވެރިކޮށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖުގެ އަރިހުގައި މީހަކު އެދުމުން ސުޝްމާ ދެއްވި ޖަވާބު ގިނަ ބަޔަކަށް ކަމުގޮސްގެން ވައިގައި ހިފައިފި އެވެ.

ސުޝްމާ ވިދާޅުވީ ގޭގައި ގެންގުޅޭ އާލާތްތަކާ ގުޅޭ ކަންކަމުގައި އެކަމަނާ އަކީ އެންމެ ރަނގަޅު މީހާ ނޫން ކަމަށެވެ.
"އޭ އަޚާ! ރެފްރިޖަރޭޓަރު ކަހަލަ އެއްޗިއްސާ ގުޅޭ ކަންކަމުގައި އަޅުގަނޑަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދެވޭނެ. ހާލުގައި ޖެހިފައިވާ އިންސާނުންގެ ކަންތައްތަކުގައި އަޅުގަނޑު އުޅެނީ ވަރަށް ބުރަކޮށް،" ސެމްސަން ފްރިޖެއް ގެންގުޅޭ މީހަކު ފްރިޖާ ގުޅޭ ގޮތުން އެހީއަކަށް އެދި ކުރި ޓްވީޓުގެ ޖަވާބުގައި ސުޝްމާ ޓްވީޓް ކުރެއްވި އެވެ.
ސުޝްމާގެ އެހީއަށް އެދޭ މީހުން އެކަމަނާ އާއްމުކޮށް ޖަވާބު ދެއްވަ އެވެ.
ސުޝްމާގެ ޓްވީޓާ ގުޅިގެން އެކި މީހުން ވަނީ ތަފާތު ޚިޔާލުތައް ފާޅުކޮށްފަ އެވެ. އެއް ބަޔަކު ވަނީ ޚާރިޖީ ވަޒީރަށް ތައުރީފް ކުރައްވައިފަ އެވެ. އަނެއް ބަޔަކު ވަނީ ފްރިޖް ރަނގަޅު ކުރުމަށް އެ މީހުންނަށް ފެންނަ ޚިޔާލުތައް ފާޅުކޮށްފަ އެވެ. އެކަކު ބުނި ގޮތުގައި ދިއްލީގެ ޗީފް މިނިސްޓަރު އަރުވިން ކެޖްރިވާލް އަކީ ކަރަންޓާ ގުޅޭ ކަންކަމުގައި ރަނގަޅު ޓެކްނީޝަނެއް ކަމަށެވެ.
ޑިޕްލޮމެޓިކް މައްސަލަތަކުގައި ސުޝްމާގެ އެހީއަށް އެދި ކުރާ މެސެޖްތަކަށް އެކަމަނާ ޖަވާބު ދެއްވާ އިރު އެއް ބަޔަކު ބުނަނީ ސުޝްމާ އުޅުއްވަނީ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯއްދަވަން ކަމަށެވެ.