ސިޔާސީ މަސައްކަތަކީ އެންމެ ތާހިރު މަސައްކަތަށް ނުވެދާނެ: ނަޝީދު
ސިޔާސީ މަސައްކަތަކީ އެންމެ ތާހިރު މަސައްކަތަށް ނުވެދާނެ: ނަޝީދު

ސިޔާސީ މަސައްކަތަކީ އެންމެ ތާހިރު މަސައްކަތަށް ނުވެ ހިނގައިދާނެ ކަމަށާއި އެކަމަކު ދިރިއުޅުން ތާހިރުކުރުމަށްޓަކައި އެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް މިދިޔަ އަހަރު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު މިހެން ވިދާޅުވީ ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާ ބައްދަލުކުރައްވަމުންނެވެ.

ސަރުކާރާ ދެކޮޅަށް ޓްވީޓްކުރި މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށް އަދި ސަރުކާރުން ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނާ ގުޅިގެން މި މަހު ވެސް ޕޮލިހަށް ހާޒިރުކޮށްފައިވާ ޝަމްއޫން ޖަލީލް (ލޫކަސް) އާއި އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެހެން ބައެއް އެކްޓިވިސްޓުންނާ ވެސް ނަޝީދު މިއަދު ބައްދަލުކުރެއްވި އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ބައެއް ފަހަރު ސިޔާސީ މަސައްކަތަކީ އެންމެ ތާހިރު މަސައްކަތަށް ނުވެ ހިނގައިދާނެ. އެހެންނަމަވެސް މި މަސައްކަތަކީ ކޮންމެހެން ވެސް ކުރާންޖެހޭ މަސައްކަތެއް. އަޅުގަނޑުމެންގެ ދިރިއުޅުން ތާހިރުކުރުމަށްޓަކައި،" ނަޝީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާ ނަޝީދު ބައްދަލުކުރެއްވި އިރު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތައްޔިބު ޝަހީމް މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކަށް ވީހާ ވެސް ގިނަ ވަގުތު ދީގެން އެ މަސައްކަތުގައި އުޅުމަށް އެކްޓިވިސްޓުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި ހަފުތާ ބަންދުގައި ނަޝީދު ލަންކާއަށް ވަޑައިގަތީ ސިޔާސީ ބައްދަލުކުރެއްވުންތަކެއް ބޭއްވުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.