17 ޖޫން 2025 - 11:53

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭ ލައިސެންސް ކޯޗިން ކޯހުގެ ލައިސެންސް ކޯޗުންނަށް ނުލިބި އޮތީ އެފްއޭއެމުން ކަންކަން ފުރިހަމަނުކޮށް އޮތުމުން ކަމަށް އެ ކޯހުން ތަމްރީނުވި ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.
އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ ކުރިއަށްގެންދިޔަ ކޯހަށް އޭއެފްސީން އަދިވެސް އެޕްރޫވް ނުލިބެ އެވެ.
ސޮބާ ބުނީ އެ ހުއްދަ އެފްއޭއެމަށް ލިބޭނީ އެ އެސޯސިއޭޝަނުން އޭއެފްސީގެ މިންގަނޑަށް ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ.
"ސޭވް އެފްއޭއެމް" ނަމުގައި ހަދާފައިވާ ރިފޯމް ގުރޫޕަށް ފޮނުވި މެސެޖެއްގައި ސޮބާ ބުނީ އޭއެފްސީ ކޯޗިން ކޮންވެޝަންގައި ބުނާ ކަންކަން ރާއްޖޭގައި ފުރިހަމައަށް ކޮށްފައި ނުވާ ކަމަށެވެ.
"ކޯޗިން ކޮންވެޝަންގެ ދަށުން (އޭ ލައިސެންސް) ދޫކުރަނީ. ކޯޗިން އެޑިއުކޭޝަންގެ ހެޑެއް ވެސް ހުންނަން ޖެހޭ. އެހެން ކޮމިޓީތައް ވެސް ހުންނަން ޖެހޭ،" ސޮބާ ބުންޏެވެ.
ފީފާގެ ނޯމަލައިޒޭޝަން ހާލަތަށް އެފްއޭއެމް ގެންދިޔައީ އެ އިދާރާގެ ހިންގުން ބޮއްސުންލައިގެން ދިއުމުންނެވެ. އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނިމިގެންދިޔަ އިރު އެންމެ އަސާސީ ކޮމިޓީއަށް ވެސް އޭނާ އުފައްދާފައެއް ނުވެ އެވެ.
ސޮބާ ބުނީ ހުރިހާ ކަމެއް ވެސް އަލުން ފެށޭނީ އެފްއޭއެމްގެ އިންތިހާބު ބޭއްވިގެން ކަމަށެވެ.
"މިކަންކަން (އޭ ލައިސެންސް ލިބުމުގެ ކަންކަން) ވެސް ފުރިހަމަ ވާނެ ކަމަށް ބެލެވެނީ (އެފްއޭއެމްގެ) އިލެކްޝަނަށް ފަހު،" ސޮބާ ބުންޏެވެ.