16 ޖޫން 2025 - 15:52

ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައިވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ އަންނަ ކަމަށެވެ.
އެ ގަރާރުގައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނީ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރުހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
ގަރާރުގައި ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށެވެ. އަދި ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް އެ ގަރާރުގައިވެ އެވެ.
އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެހެންވެ، އެ ގަރާރުގައިވަނީ އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރުމަށެވެ.