ކައުންސިލަރުންގެ އަދަދު މަދުކުރާ ގަރާރަށް އެމްޑީޕީ މެމްބަރުން ދެކޮޅު
ކައުންސިލަރުންގެ އަދަދު މަދުކުރާ ގަރާރަށް އެމްޑީޕީ މެމްބަރުން ދެކޮޅު

ލާ މަރުކަޒީ ނިޒާމު މިހާރު އޮތީ ދައުލަތަށް މާލީ ބުރަ ބޮޑުވާ ގޮތަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ޕީއެންސީގެ މެމްބަރުން ތާއީދު ކުރެއްވިއިރު، އެ ގަރާރަށް އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މެމްބަރުން ހިޔާލު ހޯދުމަށް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ، އިގުތިސޯދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ކޮންމެ ރަށަކަށް ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯ އާންމުން ސުވާލުކުރާ ކަމަށެވެ.

ކައުންސިލަރުންނަށް އެތައް ހޭދައެއް ކުރިޔަސް، އެތަންތަނުގެ ސަބަބުން ފައިދާއެއް ކުރާތަން ނުފެންނަ ކަމަށް ބުނެ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ޝުޖާއުގެ ގަރާރުގައި ހުށަހަޅާފައިވެ އެވެ.

އެކަމަކު ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ ކައުންސިލަރުން މަދުކުރުމަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ރަށެއްގައި ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަސް މެމްބަރުން ތިބުމަކީ ބަޔަކު އަޖައިބުވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށާއި ކުދި ރަށްރަށުގައި ވެސް ކުރަން ބައިވަރު ކަންކަން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިތުރުން ރަށްރަށުގައި ކުރަން މަސައްކަތްތައް ހުރެ އެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް ކައުންސިލް މެމްބަރުންނަށް ލިބެނީ 12،000ރ. ގެ މުސާރައެއް ކަމަށާއި އެއީ ދައުލަތުގެ އެހެން އޮފީސްތަކާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މުސާރަ ބޮޑުވެގެން ވާހަކަ ދައްކަނީ ނިޒާމު ފުނޑާލައި ބާރުތައް އަތަށް ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަރަދު ބޮޑުވެގެން މި ދައްކަނީ އެ ވާހަކަ. މިއީ ނިޒާމުތައް ފުނޑާލައި ބާރުތައް އަތަށް ނެގުމަށްޓަކާ ހިންގަމުންދާ ސިލްސިލާ ޕްރޮގްރާމެއް. މިކަން ކުރަމުން އައި ސަރުކާރުތައް ފެނިއްޖެ. އޭގެން ކޮން ނަތީޖާއެއްތޯ ނެރެވުނީ،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި ކައުންސިލަރުންނަށް ކުރާ ހޭދައަށް ވުރެ ބޮޑު ހޭދައެއް މިހާރު ވެސް ސިޔާސީ މުވައްޒަފުންނަށް ސަރުކާރުން ކުރެ އެވެ. އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ވިދާޅުވެ، އޭނާ ފާޑު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މެމްބަރު ޝުޖާއު ވިދާޅުވީ އެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައި ވަނީ އެ ނިޒާމު ތަޖުރިބާ ކޮށްފައި ކަމަށެވެ.

"ސިޓީސް މިނިސްޓްރީން ހެދި ސާވޭ އިން ދައްކާ ގޮތުގައި 98-99 އިންސައްތަ މީހުން އެބަ ތާއީދު ކުރޭ މި ނިޒާމަށް. މި ނިޒާމު ގޯސްވެގެނެއް އަޅުގަނޑުމެން ނުދައްކަން އެއްއިރަކު ވެސް... އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، މި ނިޒާމު އުފެދުނީ މާލޭ މައި ސަރުކާރުން ރަށުގެ ވެރިން އައްޔަންކުރުން. އެއީ އޭ ގޯސްވުން،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިވަގުތު އުފައްދަން ޖެހޭ ސުވާލަކީ ރަށުގެ ރައްޔިތުން އައްޔަންކުރާނީ އެކަކުތޯ ނުވަތަ ދެ މީހުންތޯ އުފެދޭ ސުވާލު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުތަކުގައި އޮންނަ ސިވިލް އޮނިގަނޑު އިސްލާހު ނުކޮށް އެ ނިޒާމު އިސްލާހު ނުކުރެވޭނެ އެވެ. އަދި އިންތިހާބީ ކައުންސިލަރުންނަށް 325 މިލިއަން ރުފިޔާ އަދި ކައުންސިލުތަކުގައި ތިބޭ ސިވިލް މުވައްޒަފުންނަށް 975 މިލިއަނަށް ވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މިހާތަނަށް 15 އިސްލާހެއް ގެނެސްފައިވެ އެވެ.