ޔަމަނުން ވެސް އިޒްރޭލަށް ހަމަލާ ދޭން ފަށައިފި
ޔަމަނުން ވެސް އިޒްރޭލަށް ހަމަލާ ދޭން ފަށައިފި

ޔަމަނުގެ ހޫތީން އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް މިއަދު ދީފި އެވެ.

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ ޔަމަނުން ބެލަސްޓިކް މިސައިލް ހަމަލާއެއް ދިނީ އިޒްރޭލްގެ ދެކުނު ސަރަހައްދަށް ކަމަށެވެ.

ހޫތީން އާންމުކުރި ވީޑީއޯއެއްގައި ބުނީ، އެ ގުރޫޕުން އިޒްރޭލްގެ ޖަފާ ސިޓީ އަށް މިސައިލުން ހަމަލާތަކެއް ދިނީ އިރާނާ ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

"އަހަރެމެންގެ މި ހަމަލާތަކުގެ ބޭނުމަކީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އިރާނަށް ނަސްރު ހޯދައި ދިނުމުގެ މަގުސަދުގައި ދިން ހަމަލާތަކެއް. މި ހަމަލާ ދިނީ އިރާނުން ދެމުންގެންދާ ހަމަލާތަކުގައި ބައިވެރިވުމުގެ ގޮތުން،" ހޫތީންގެ ވީޑިއޯ މެސެޖުގައި ބުންޏެވެ.

އިޒްރޭލްގެ މީޑިއާތަކުން ބުނީ ހޫތީންގެ ހަމަލާ އަމާޒުވި ސަރަހައްދުން އެމްބިއުލާންސްގެ ސައިރަންގެ އަޑު ތަކުރާރުކޮށް އިވެމުންދާ ކަމަށެވެ.

އެކަމަކު އެ ހަމަލާތަކުގައި މީހަކު މަރުވި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

އިރާނުން ދަނީ އިތުރު މިސައިލް ހަމަލާތަކެއް އިޒްރޭލަށް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލްގެ 8 މީހަކު ވަނީ މަރުވެފަ އެވެ.